އަޒަރްބައިޖާންގައި ކުރިއަށްދާ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުގައި ރާއްޖެއިން ވާދަކުރާ ހަސަން ސާއިދާއި ސަރީސް އަހްމަދު، ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދާއި އުންމީދީ ދުވުންތެރިޔާ ސަރީސް ސެމީގެ ޖާގައެއް ހޯދީ މިއަދު ހެނދުނު ކުރިއަށްދިޔަ 200 މީޓަރު ދުވުމުގެ ހީޓް އިވެންޓްތަކުގައި ދުވެގެންނެވެ.

ސާއިދު ވަނީ ހީޓް ހަތަރެއްގެ ތިންވަނަ ހޯދައިފައެވެ. ސާއިދު އެ ހީޓް، 21.53 ސިކުންތުން ރޭސް ނިންމާލިއިރު، އެއްވަނައިގައި ނިންމާލި ތުރުކީގެ ސަފަރް އިއްޒެތު ރޭސް ފުރިހަމަކުރީ 21.30 ސިކުންތުންނެވެ. އަދި ސާއިދުގެ ކުރިން ދެވަނައިގައި ނިންމާލި ސުރިނާމްގެ ވަނަން ޖެފްރީ ރޭސް ފުރިހަމަކުރީ 21.36 ސިކުންތުންނެވެ.

ހީޓް ތިނެއްގައި ދުވި ސަރީސް ރޭސް ނިންމާލީ ހަތަރުވަނައިގައެވެ. ސަރީސް އެ ހީޓް، 22.95 ސިކުންތުން ނިންމާލިއިރު، އެއްވަނައިގައި ނިންމާލި އަލްޖީރިއާގެ އަތުމަނީ ސިކަންދަރު ޖަމީލް ރޭސް ފުރިހަމަކުރީ 21.51 ސިކުންތުންނެވެ. ދެވަނާގައި ނިންމި ގެމްބިއާގެ ޖަމާހު އަދަމާ 21.61 ސިކުންތުން ރޭސް ފުރިހަމަކުރިއިރު، ތިންވަނާގައި ނިންމި އަޒަރްބައިޖާންގެ އަބަސޮވް އާރިފް ރޭސް ފުރިހަމަކުރީ 22.65 ސިކުންތުންނެވެ.

ސެމީގައި މިއަދު އިރުއޮއްސި 6:45ގައި ސާއިދު ދުވާއިރު، ސަރީސް ދުވާނީ އިރުއޮއްސި 6:57ގައެވެ. ސާއިދު ވަނީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި އިއްޔެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލް އަދި ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އެ އިވެންޓްގެ ފައިނަލުގައި ދުވެ، އޭނާ ރޭސް ނިންމާލީ ހަތަރުވަނާގައެވެ.

ރާއްޖޭގެ 200 މީޓަރު ގައުމީ ރެކޯޑު އޮތީ ވެސް ސާއިދު އަތުގައެވެ. އޭނާ އެ ރެކޯޑް ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އިންޑިއަން ގްރޭޑް ޕްރީގައި ދުވެ، 20.75 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެ އިވެންޓްގެ އިތުރުން 100 މީޓަރު އަދި 400 މީޓަރު ގައުމީ ރެކޯޑު ވެސް އޮތީ ސާއިދު އަތުގައެވެ.