ވޮޝިންޓަން (މެއި 17): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކެލް ފްލިންގެ މައްޗަށް އެފްބީއައި އިން ކުރިއަށް ގެންދާ ތަހުގީގު ހުއްޓާލުމަށް އެދިވަޑައިގެންފައި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

އެފްބީއައިގެ ޑިރެކްޓަރު ކަމުން ދާދި ފަހުން ވަކި ކުރި ޖޭމްސް ކޯމީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޓްރަމްޕާ ބައްދަލުކުރެއްވުމަށް ފަހު ލިޔުއްވި މެމޯއެއްގައިވާ ގޮތުން ރައީސް ޓްރަމްޕް ވަނީ އެފްބީއައި އިން '(ފްލިންގެ) މައްސަލަ ދޫކުށްލާނެ ކަމަށް އުއްމީދު ކުރާ' ކަމަށް ކޯމީ ގާތުގައި ވިދާޅުވެފަ އެވެ.

އެމެމޯގައިވާ ގޮތުން ކޯމީ އެ އެދުމަށް ޖަވާބެއް ނުދެއްވަ އެވެ. އަދި ޓްރަމްޕް އެފަދައިން ވިދާޅުވީ ފްލިން އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުންނެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިން -- ފޮޓޯ: ރޮއިޓާސް

ފްލިން އިސްތިއުފާ ދެއްވީ އޭނާ ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުގެ ކުރިން، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވިކަން ހާމަވުމާ ގުޅިގެންނެވެ. އެމެރިކާގެ އާއްމު ރައްޔިތުން ބޭރު ގައުމުތަކުގެ ސަރުކާރުތަކާ ބައްދަލުކޮށް، ސިޔާސީ ވާހަކަތައް ދެއްކުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ.

ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވިތޯ ބެލުމަށް އެފްބީއައި އާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގުތަކުގެ ދަށުން ރަޝިއާ އާއި ފްލިންއާ އޮތް ގުޅުން އަދި ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

އަދި މިމަހުގެ ނުވަ ވަނަ ދުވަހު ކޯމީ މަގާމުން ވަކިކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ޓްރަމްޕްގެ ކެމްޕެއިނާއި ރަޝިއާއާ އޮތް ގުޅުން ފޮރުވުމަށް ޓްރަމްޕް ކުރެއްވި ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، ކޯމީ މަގާމުން ވަކި ކުރެއްވިތާ އެއް ދުވަސް ފަހުން ރައީސް ޓްރަމްޕް ވަނީ ރަޝިއާގެ ސަފީރާއި އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި އައިއެސްއާ ބެހޭ ސިއްރު މައުލޫމާތު އެ ދެެ ބޭފުޅުންނާ ހިއްސާ ކުރައްވާފައި ކަމަށް ބުނާ ރިޕޯޓުތަކެއް ވަނީ އާއްމުވެފަ އެވެ.

ނަމަވެސް ވައިޓް ހައުސްއިން ވަނީ އެބައްދަލުވުމުގައި ރައީސް ޓްރަމްޕް، އެމެރިކާ އިން ޖާސޫސީ މައުލޫމާތު ހޯދާ ގޮތްތަކާއި އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އެފްބީއައިގެ ތަހުގީގަށް ހުރަސް އަޅަން ރައީސް ޓްރަމްޕް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް އެފްބީއައިގެ ވަގުތީ ޑިރެކްޓަރު އެންޑްރޫ މެކްކޭބް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. (ބީބީސީ)