16 May 2010, 10:18
14:30
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން އީރާނުގެ ރައީސް މަހުމޫދު އަހުމަދީނީޖާދާ މަޝްވަރާކުރެއްވުމަށްޓަކައި ބްރެޒިލްގެ ރައީސް ލުއިސް އިގަނާސިއޯ ލޫލާ ޑަސިލްވާ އީރާނަށް ފުރާވަޑައިގެންފި އެވެ.
ފުރާވަޑައިގަތުމުގެ ކުރިން މޮސްކޯގައި ހުންނަވައިގެން ޑަސިލްވާ ވިދާޅުވެފައިވަނީ މިދަތުރުފުޅުގައި އީރާނުގެ ރައީސާ ބައްދަލުކުރައްވައި އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ހުޅަނގުގެ ގައުމުތަކާ އެކު އެއްބަސްވުމަކަށް ދިޔުމަށް ގޮވާލައްވާނެ ކަމަށެވެ. އަދި މިދަތުރުފުޅުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދަތުރުފުޅު ބެލެވިފައިވަނީ އީރާނާމެދު އ.ދން އަޅާނެ ކަމަށް ލަފާކުރެވިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓުވުމަށް އީރާނަށް ލިބޭ އެންމެ ފަހުގެ ފުރުސަތުގެ ގޮތުގަ އެވެ. ނަމަވެސް މިކަމުގައި މާބޮޑު އުންމީދެއް ނެތް ކަމަށް އެމެރިކާ އާއި ރަޝިޔާގެ އިތުރުން އީރާނާ އަވަށްޓެރި ތުރުކީ އިން ވެސް ވަނީ ބުނެފަ އެވެ.
މައުލޫމާތުލިބޭ ގޮތުގައި ލުއިސް އިގަނާސިއޯ ލޫލާ ޑަސިލްވާ ގެ މިދަތުރުފުޅުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.