16 May 2017, 21:52
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭހުން މިއަހަރުގެ ރޯދަމަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ 10 ކިލޯގެ ކައްކާ ގޭސް ފުޅިން 25 ރުފިޔާ އަގު ހެޔޮކުރަން ނިންމައިފިއެވެ.
މޯލްޑިވް ގޭހުގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނު ވިދާޅުވީ މާދަމައިން ފެށިގެން ރޯދަ މަހާއި، ރޯދަ މަހަށް ފަހު އަންނަ ހަ ރޯދައިގެ ނިޔަލަށް މިހާރު 200 ރުފިޔާއަށް ވިއްކާ ގޭސްފުޅިއެއް ވިއްކާނީ 175 ރުފިޔާއަށް ކަމަށެވެ.
މިދިޔަ އަހަރު ވެސް އެ ކުންފުނިން ދެ ފަހަރެއްގެ މަތިން ގޭހުގެ އަގު ހެޔޮކުރި އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު 210 އަށް ގޭސް ފުޅިއެއް ވިއްކަން ނިންމި އިރު ޖޫން މަހުން ފެށިގެން އަނެއްކާ ގޭސް ފުޅިއެއް ވިއްކަމުން އައީ 200 ރުފިޔާއަށެވެ.
އަދި މާދަމައިން ފެށިގެން 175 އަށް ގޭސްފުޅިއެއް ވިއްކަން ނިންމި އިރު އެއީ ކުރިން ވިއްކަމުން އައި އަގާ އަޅައިބަލާއިރު 12.5 ޕަސެންޓުގެ ހެޔޮ ބަދަލެކެވެ.
މައުމޫން ވިދާޅުވީ އެ ބަދަލާ އެކު އަތޮޅުތަކުގައި މޯލްޑިވް ގޭސް ވިއްކާ އެޖެންޓުންވެސް ވިއްކަން ޖެހޭނީ ކޮންމެ ގޭސް ފުޅިއަކުން 25 ރުފިޔާ އަގު ހެޔޮކޮށްގެންނެވެ.
"މިސާލަކަށް 300 ރުފިޔާއަށް ފުޅި ވިއްކަމުން އައި ނަމަވެސް މި ބަދަލު ގެނައި މުއްދަތުގައި އެޖެންޓުން ވިއްކަން ޖެހޭނީ 25 ރުފިޔާ އަގު ހެޔޮކޮށްގެން. މާނައަކީ ކޮންމެ އަގެއްގައި މިހާރު ގޭސް ވިއްކަމުން އައި ނަމަވެސް 10 ކިލޯ ކައްކާ ގޭސް ފުޅިން 25 ރުފިޔާ އަގު ހެޔޮ ކުރަން ޖެހޭނެއޭ،" މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން، އަގަށް ބަދަލު ނުގެނެސް ވިއްކާ ނަމަ މޯލްޑިވް ގޭހުގެ 1616 ނަންބަރަށް ގުޅައިގެން އެކަން މޯލްޑިވް ގޭހަށް ރިޕޯޓު ކުރެވޭނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. އަދި ހެޔޮ އަގުގައި ގޭސް ނުވިއްކޭ ނަމަ ބިލްތައް ފޮނުވުމުން ފުޅިއަކަށްވާ 25 ރުފިޔާ އެޖެންޓުންނަށް އިމްބާސް ކޮށްދޭނެ ކަމަށާއި، ނަމަވެސް ފުޅި ވިއްކަން ޖެހޭނީ އެ 25 ރުފިޔާ އުނިކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.