16 May 2017, 20:57
އަޒަރްބައިޖާންގައި ކުރިއަށްދާ ހަތަރުވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ހަސަން ސާއިދު ހަތަރުވަނަ ހޯދައިފިއެވެ.
ސާއިދަށް 100 މީޓަރު ދުވުމުގެ ފައިނަލުން ހަތަރުވަނަ ލިބުނީ 10.42 ރޭސް ނިންމައިގެންނެވެ. ސާއިދު ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގެ ތިންވަނަ ހޯދައި ހުރިހާ ހީޓްތަކެއް އެއްކޮށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ.
މިއަދު މެންދުރު 100 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ދުވެ، އެއްވަނަ ހޯދި ސާއިދު ރޭސް ނިންމީ 10.40 ސިކުންތުންނެވެ.
ސާއިދުއާއެކު ފައިނަލް ހީޓުގައި ވާދަކުރި ދުވުންތެރީންގެ ތެރޭން އެއްވަނަ ހޯދީ، ތުރުކީގެ ގުލިއެވް ރާމިލްއެވެ. އޭނާ ރޭސް ނިންމީ، 10.06 ސިކުންތުންނެވެ. އަދި ދެވަނަ ހޯދި، ބަހްރެއިންގެ ފިޝަރ އެންޑްރޫ 10.35 ސިކުންތުން ރޭސް ނިންމި އިރު، 10.35 ސިކުންތުން ރޭސް ނިންމައިގެން ތިން ވަނަ ހޯދީ އޮމާންގެ އަލް ހަރްތީ ބަރަކަތުއެވެ.