17 May 2017, 09:23
މާ ގިނައިން ކެފެއިން ހުންނަ ބުއިންތަކެއް ބުއިމުގެ ސަބަބުން އެމެރިކާގައި ކުއްޖަކަށް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ. ސައުތު ކެރޮލީނާގައި ހުންނަ ސްކޫލެއްގައި ކިޔަވަމުން ދިޔަ 16 އަހަރުގެ ޑޭވިސް ނަމަކަށް ކިޔާ އެ ކުއްޖާ މަރުވެފައި ވަނީ ސްކޫލްގައި ހުއްޓާ ކުއްލިއަކަށް ވެއްޓުމަށް ފަހު އެވެ.
މިދިޔަ މަހުގެ ތެރޭގައި ހިނގި އެ ހާދިސާގައި ޑޭވިސް މަރުވި ގޮތް ދެނެގަތުމަށް ހެދި ޕޯސްޓްމޯޓަމް ރިޕޯޓަށް ފަހު ޑޮކްޓަރުން ހާމަކުރި ގޮތުން، ޑޭވިސް މަރުވުމުގެ ދެ ގަޑިއިރު ކުރިން ކެފޭ ލާއްޓޭ އަކާއި މައުންޓަން ޑިއު ޑައިޓްގެ ބޮޑު ދަޅެއްގެ އިތުރު އެނާޖީ ބުއިމެއް އޭނާ ބޮއެފައިވެ އެވެ.
އޮންލައިން ކެފެއިން އެންސައިކްލޮޕީޑިއާ، ކެފެއިން އިންފޯމާ އިން ބުނާ ގޮތުން ބޮޑު މީހަކަށް ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ބޭނުންކުރަން އެންމެ ރަނގަޅީ 400 މިލިގްރާމްގެ ކެފެއިން ނުވަތަ ހަތަރު ތަށި ކޮފީ އެވެ.
ރިޕޯޓްތައް ދައްކާ ގޮތުން ޑޭވިސް ވެއްޓުމުގެ ކުރިން 500 މިލިގްރާމްގެ ކެފެއިން ބޭނުންކޮށްފައިވެ އެވެ.
ކެފެއިން ގިނަ އަދަދަކަށް ހުންނަ އެ ބުއިންތައް ބޭނުން ކުރުމުގެ ސަބަބުން، މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގެ ތެރޭގައި ކެފެއިން ހުންނަން ޖެހޭ މިންވަރު އިތުރުވެ، ހިތުގެ ވިންދު ޖެހުން ތަފާތުވުމާ އެކު އަވަސްވެ، ހިތާއި ސިކުނޑީގެ އިތުރުން އެހެނިހެން ގުނަވަންތަކަށް އަސަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ދައްކަ އެވެ.
ޕޯސްޓްމޯޓަމް އިން ދައްކާ ގޮތުގައި ޑޭވިސް އަކީ ހިތުގެ އެއްވެސް މައްސަލައެއް ނެތް އަދި އެއްވެސް ކަހަލަ ބޭހެއް އަދި މަސްތުވާއެއްޗެއް ހަށިގަނޑުގެ ތެރޭގައި ނެތް، ސިއްހަތު ރަނގަޅު ކުއްޖެކެވެ.
ޑޭވިސްގެ މަރާ ގުޅިގެން ކުއްލި އަދި ޝައްކުކުރެވޭ މަރުތައް ތަހުގީގުކުރާ ކޮރޮނާއެއް ކަމަށްވާ ގެރީ ވޮޓްސް ވިދާޅުވީ، ޑޭވިސް މަރުވެފައި ވަނީ އޯވަޑޯޒް ވެގެން ނޫން ކަމަށެވެ.
"ހާއްސަކޮށް ސްކޫލްތަކުގައި އުޅޭ ކިޔަވާ ކުދިންނަށް، މި ބުއިންތަކަކީ (ކެފެއިން ގިނަ އަދަދަކަށް ހުންނަ ބުއިންތައް) ވަރަށް ނުރައްކާތެރި ބުއިންތަކެއް. އަދި ދުވާލެއްގެ މައްޗަށް އެ ބުއިންތައް ބޭނުންކުރުމުގައި ވަރަށް ވެސް ފަރުވާތެރިވާން ޖެހޭ،" ކޮނޮނާ ވިދާޅުވި އެވެ.
ޑޭވިސްގެ ބައްޕަ ވެސް ވަނީ، އެނާޖީ ޑްރިންކްސްތަކުގެ ނުރައްކާތެރިކަމާ ގުޅޭ ގޮތުން ކުދިންނާ ވާހަކަ ދެއްކުމަށް ހުރިހާ ބެލެނިވެރިންގެ އަރިހުން އެދިފަ އެވެ.
މައުލޫމާތު: އިންޑިޕެންޑެންޓް