16 May 2017, 19:15
އަޒަރްބައިޖާންގައި ކުރިއަށްދާ ހަތަރުވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީފައިނަލްގައި ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދުވި ހީޓުން ތިން ވަނަހޯދައި، މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.
ސާއިދަށް 100 މީޓަރު ދުވުމުގެ ސެމީފައިނަލުން ތިންވަނަ ތިންވަނަ ލިބުނީ 10.40 ރޭސް ނިންމައިގެންނެވެ. ފައިނަލަށް ދަތުރު ކުރާނީ ސެމީ ފައިނަލުގެ ކޮންމެ ހީޓަކުންވެސް އެންމެ ކުރިން ރޭސް ނިންމާ ދެ ދުވުންތެރިއަކަށެވެ.
ސާއިދަށް ތިންވަނަ ލިބުނު ނަމަވެސް އޭނާއަށް ފައިނަލުން ޖާގައެއް ކަށަވަރުވީ ހުރިހާ ހީޓްތަކެއް އެއްކޮށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެ ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ.
މިއަދު މެންދުރު 100 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ދުވެ، އެ ހީޓުން ސާއިދު އެއްވަނަ ހޯދީވެސް 10.40 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސާއިދުއާއެކު އެ ހީޓުގައި ދުވެފައިވަނީ ތުރުކީ، ސުރިނާމް، ޕާކިސްތާން އަދި ގިނީގެ ދުވުންތެރިއެކެވެ. އޭގެ ތެރެއިން ސާއިދާއެކު ސެމީއަށް ދަތުރުކުރީ ތުރުކީގެ ގުލިއެވް ރަމިލްއާއި، ސުރިނާމްގެ ވަނަން ޖެފްރީ އަދި ޕާކިސްތާނުގެ ޝަހްބާޒް މުހައްމަދެވެ.
ސަތޭކަ މީޓަރު ދުވުމުގެ ފައިނަލް އޮންނާނީ މިރޭ ރާއްޖެ ގަޑިން 8:25 ގައެވެ.