16 May 2017, 17:18
އަނިޔާވެރިގޮތަކަށް، ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޔާމީން ރަޝީދު، ޒަހަމްތަކަކާ އެކު ހޮސްޕިޓަލްގައި އޮތް ފޮޓޯއެއް އާންމު ކުރުމަށް ފަހު، އަމާޒުވި ފާޑުކިޔުންތަކާ އެކު އޮންލައިން ނޫސް ރާއްޖެ އެމްވީން އެކަމަށް މައާފަށް އެދިއްޖެއެވެ.
ރާއްޖެ އެމްވީން މައާފަށް އެދި މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން ރަޝީދުގެ އެ ފޮޓޯއަކީ މީގެ ކުރިން ވެސް އެތައް ބަޔަކަށް ފެނިފައިވާ ފޮޓޯއެއް ކަމަށާއި އެ ނޫހުން ފޮޓޯ ބޭނުން ކުރީ އެއްވެސް ކަހަލަ ނުބައި ނިޔަތެއް އޮވެގެން ނޫން ކަމަށެވެ.
" ޔާމީންގެ ފޮޓޯ ރާއްޖެއެމްވީން ޝާއިއުކުރީ މި ގައުމުގެ ހާލަތާއި އޮތް ބިރުވެރިކަން އިހްސާސްކޮށް ދިނުމަށް. ރާއްޖޭގައި ރަހުމު ކުޑަ އަމަލުތައް ހިންގުމުގައި ހައްދުފަހަނަ އަޅައި ގޮސްފައިވާ މިންވަރާއި އަނިޔާވެރިކަން ބޮޑުވެފައިވާ މިންވަރާއިި، މުޖުތަަމައު އޮތް ހާލަތު ވަޒަންކޮށްދިނުމެވެ. އަދި ޔާމީންގެ ތަހްގީގު ހިންގުމަށް ބާރު އަޅައި ޔާމީންގެ އާއިލާއަށް އިންސާފު ހޯދައި ދިނުން އަވަސްކުރުމަށެވެ. މި ނޫން އެއްވެސް މަގުސަދެއް ނެތެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ އެ ފޮޓޯގެ ސަބަބުން ޔާމީންގެ އާއިލާއަށް ހިތްދަތި އިހްސާސްތަކެއް ކުރިމަތިވެފައިވާތީވެ އެ އާއިލާ އާއި ކިޔުންތެރިންގެ އަރިހުން މައާފަށް އެދޭ ކަމަށެވެ. އަދި ފޮޓޯ އުނުކޮށްދިނުމަށް އާއިލާއިން އެދުނު ހިސާބުން ފެށިގެން ވަގުތުން އެ ފޮޓޯ އުނިކުރިކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޔާމީން ރަޝީދުގެ ފޮޓޯ ރޭ ރާއްޖެއެމްވީން ޝާއިއުކުރި ހިސާބުން ފެށިގެން ސޯޝަލް މީޑިއާގައި ފަރާތްތަކަކުން ވަނީ އެފަދަ ފޮޓޯތައް ޝާއިއުކުރުމަކީ ނޫސްވެރިކަމުގެ އެތިކަލް މިންގަނޑާވެސް ޚިލާފުކަމެއް ކަމަށާއި، އެ ފޮޓޯ ވީ އެންމެ އަވަހަކަށް ''ރިމޫވްކޮށްދިނުމަށް'' އެދި ގޮވާލައިފައެވެ.