16 May 2017, 14:59
ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް ކަމަށާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބަނގްލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށް މާދަމާ ނުކުންނާނީ މޮޅެއް ހޯދަން ކަމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ.
ބަނގްލަދޭޝްގައި ކުރިން ކުޅުނު އޭއެފްސީ ކަޕް ގްރޫޕް އީގެ މެޗުން އަބަހާނީގެ މައްޗަށް މާޒިޔާއިން ވަނީ 2-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. އެ މެޗުން މާޒިޔާ މޮޅުވި ނަމަވެސް، މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ދެކެނީ، އެއީ މާ ކުރީގެ މެޗެއްގެ ގޮތުގައެވެ.
"ކުރީގެ މެޗުގައި 2-0 ލަނޑުން މާޒިޔާ މޮޅުވިޔަސް، މާދަމާގެ މެޗު އަލުން ފަށާނީ 0-0އިން. އެއީ މީގެ ދެ މަހެއްހާ ކުރިން ކުޅުނު މެޗެއް. އަހަރެމެން ކުރީގެ މެޗުން މޮޅުވި. އެކަމަކު މާދަމާގެ މެޗުގައި އެންމެ ރަނގަޅު ޓީމުކަން އަހަރެމެން ދައްކަންޖެހޭނެ،" އޭނާ ބުންޏެވެ.
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުނީ، މާދަމާގެ މެޗަކީ 30 ދުވަހުގެ ތެރޭގައި މާޒިޔާއިން ކުޅެންޖެހޭ އަށްވަނަ މެޗު ކަމަށާއި ފާއިތުވެދިޔަ ދުވަސްތަކުގައި މާޒިޔާއިން ވީހާވެސް ބޮޑަކަށް ބަލާފައިވާނީ ކުޅުންތެރިން ރިކަވާވުމުގެ މަސައްކަތްކުރުމަށް ކަމަށެވެ. އަދި އަބަހާނީއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"ފާއިތުވެދިޔަ މެޗުތަކުގައި އެމީހުންގެ ފެންވަރު ދެއްކި. އެންމެ ފަހުން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވި. އަހަރެންނަށް ހީވަނީ 12 ވަރަކަށް ބަނގްލަދޭޝްގެ ގައުމީ ޓީމު ކުޅުންތެރިން އެޓީމުގައި ހިމެނޭހެން. ބިދޭސީ ތިން ކުޅުންތެރިން ހިމެނޭ. އަހަރެމެން މާދަމާގެ މެޗުގައި މޮޅެއް ހޯދަން، އެންމެ ރަނގަޅު ކުޅުން ދައްކަންޖެހޭނެ،" މާޒިޔާގެ ކޯޗު ބުންޏެވެ.
ސެކުލޮވްސްކީ ބުނީ، މާދަމާގެ މެޗަށް ނުކުންނައިރު ދެވަނަ ބުރަށް ދިއުމުގެ ރަނގަޅު ފުރުސަތެއް މާޒިޔާއަށް އެބައޮތް ކަމަށާއި މާދަމާގެ މެޗުން މޮޅުވެ އަންނަ މަހުގެ 31 ވަނަ ދުވަހު ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް އިންތިޒާރުކުރަން ޖެހޭ ކަމަށެވެ. އަދި މާޒިޔާގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
މާދަމާ މާޒިޔާއާ ދެކޮޅަށް ނުކުންނަ އަބަހާނީގެ ކޯޗަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އޭއެފްސީ ޗެލެންޖް ކަޕް 2014ގެ ތިންވަނަ ހޯދައިދިން ކޯޗު ޑްރާގޯ މަމިޗްއެވެ. ގައުމީ ކޯޗުކަމުން 2015 ވަނަ އަހަރުގެ ޖެނުއަރީމަހު ވަކިކުރި މަމިޗްއަށް ކުޅުންތެރިން އެނގުނު ނަމަވެސް، މިހާރު ކުޅުންތެރިން ކުރިއަރާފައިވާ މިންވަރެއް އޭނާއަކަށް އެނގޭނެ ކަމަށް ސެކުލޮވްސްކީ ގަބޫލެއް ނުކުރެއެވެ.
މާޒިޔާގެ ކޯޗު ސެކުލޮވްސްކީއާއި އަބަހާނީގެ ކޯޗު މަމިޗް ސަލާމްކުރަނީ: މާދަމާގެ މެޗަށް މާޒިޔާއިން ނުކުންނާނީ މޮޅެއް ހޯދަން ކަމަށް ސެކުލޮވްސްކީ ބުނޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އިދިކޮޅު ޓީމުގެ ކޯޗަށް ކުޅުންތެރިން އެނގޭނެ. ކުރިން އަބަހާނީއާ ދެކޮޅަށް މާޒިޔާ ނުކުތްއިރު ވެސް އޭނާއަށް އެނގޭނެ. އެކަމަކު މިހާރު ކުޅުންތެރިން ދަސްކުރެވޭނެ ތަފާތު ގޮތްތަކެއް ހުރޭ. ކުޅުންތެރިން ހޯދާފައިވާ ކުރިއެރުންތައް މިހާރު އޭނާއަށް ނޭނގޭނެކަން ޔަގީން. އެއީ ތިނެއް ނުވަތަ ދެއަހަރު ކުރިން. މާދަމާއަކީ ތަފާތު މެޗެއް. ދާކާގައި ކުޅުނު މެޗަށްވުރެ މުޅިން ތަފާތު މެޗަކަށްވާނެ. ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން އަހަރެމެންނަށް މޮޅެއް ހޯދޭނެކަމުގެ ފުރުސަތު ބޮޑު،" މާޒިޔާގެ ކޯޗު ބުންޏެވެ.
އިންޑިއާގެ ބެންގަލޫރާއެކު ގްރޫޕް އީގެ އެންމެ ކުރީގައި އޮތް މާޒިޔާއިން އަމިއްލަ ގައުމުގައި އަބަހާނީއާ ދެކޮޅަށް ނުކުންނާނީ މާދަމާ ހަވީރު 4:00ގައެވެ. ބެންގަލޫރާއި މާޒިޔާއަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަބަހާނީ އަދި އިންޑިއާގެ މޯހަން ބަގާންއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.