އަޒްބައިޖާންގައި ކުރިއަށްދާ ހަތަރުވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދުވި ހީޓުން އެއްވަނަ ހޯދައި، ސެމީ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

މިއަދު މެންދުރު 100 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ދުވެ، އެއްވަނަ ހޯދި ސާއިދު ރޭސް ނިންމީ 10.40 ސިކުންތުންނެވެ. ކޮންމެ ހީޓަކުން ވެސް ސެމީއަށް ދަތުރުކުރާނީ އެ ހީޓެއްގެ އެންމެ ކުރިން ނިންމާ ހަތަރު ދުވުންތެރިންނަށެވެ.

ސާއިދުއާއެކު އެ ހީޓުގައި ދުވެފައިވަނީ ތުރުކީ، ސުރިނާމް، ޕާކިސްތާން އަދި ގިނީގެ ދުވުންތެރިއެކެވެ. އޭގެ ތެރެއިން ސާއިދުއާއެކު ސެމީއަށް ދަތުރުކުރީ ތުރުކީގެ ގުލިއެވް ރަމިލްއާއި، ސުރިނާމްގެ ވަނަން ޖެފްރީ އަދި ޕާކިސްތާނުގެ ޝަހްބާޒް މުހައްމަދެވެ. ސެމީގެ ޖާގައެއް ލިބިފައިނުވަނީ ގިނީގެ ދުވުންތެރިޔާ ޑިއާލޯ މަމަދޫ ބޫކާރީއަށެވެ.

ސެމީގައި ސާއިދު ދުވާނީ މިއަދު އިރުއޮއްސި 6:45 ގައެވެ. ސާއިދު ދުވާ ސެމީގެ ރޭހުގައި އޭނާއާއެކު ވާދަކުރާނީ ޓޯގޯގެ ދުވުންތެރިޔަކާއި، އީރާންގެ ދުވުންތެރިޔަކާއި، ސައުދީގެ ދުވުންތެރިޔަކާއި، އޮމާންގެ ދުވުންތެރިޔަކާއި، ގެމްބިއާގެ ދުވުންތެރިޔަކާއި، ސިއެރާ ލިއޯން އަދި ޕާކިސްތާނުގެ ދުވުންތެރިއެކެވެ.

ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް ވެސް އޮތީ ސާއިދު އަތުގައެވެ. އޭނާ އެ ރެކޯޑު ގާއިމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭފްރީލް މަހު އެމްވީޕީ ޓްރެކް އެންޑް ފީލްޑް މީޓިންގައި 10.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭގެ އިތުރުން 200 މީޓަރު އަދި 400 މީޓަރު ދުވުމުގެ ރެކޯޑު ވެސް އޮންނަނީ ސާއިދު އަތުގައެވެ.