16 May 2017, 13:28
ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް ހުސުންލް ސުއޫދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
މިއަދު ހެނދުނު ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު މީޑީއާތަކާ ވާހަކަ ދައްކަމުން ސުއޫދު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރީ ޔާމީން ރަޝީދުގެ ބައްޕަގެ ވަކީލެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކައެއްގެ ސަބަބުން ކަމަށެވެ.
ޔާމީން ރަޝީދުގެ މަރުގެ ތަހްގީގް އިންސާފްވެރިކަމާ އެކު ހިންގައިދިނުމަށް އެދި އޭނާގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ފުލުހުންނަށް ހުށަހެޅި ސިޓީތަކެއް ބަލައި ނުގަތުމުން މީގެ ކުރިން ސުއޫދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފުލުހުން ޔާމީންގެ ބައްޕައާ މެދު އަމަލުކޮށްފައި ވަނީ ބޭ އަދަބީ ގޮތަކަށް ކަމަށެވެ.
"ފުލުހުން މިއަދު ސުވާލުކުރީ މީޑިއާއަށް އެ ގޮތަށް ބަޔާން ދިނިންހޭ. އަޅުގަނޑު ދެންނެވިން އާދޭހޭ އަޅުގަނޑު ދިނީމޭ. ދެން ވިދާޅުވީ ކީއްވެހޭ އެ ގޮތަށް ބަޔާން ދިނީ. އަޅުގަނޑު ބުނީ ޔާމީން ރަޝީދުގެ ބައްޕަ އަޅުގަނޑު ކައިރީގައި އެދިފައިއޭ އޮތީ ތިމަންނަ އެ ސިޓީތައް ހިފައިގެން އެތަނަށް ދިޔައީމަ ތިމަންނައާ ދޭތެރޭ ކަން ކުރީ ވަރަށް ބޭ އަދަބީކޮށް އިހްތިރާމް ކުޑަވާގޮތަށް ކަމަށް،" ސުއޫދު ވިިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އޭނާ ވާހަކަ ދައްކާފައި ވާނީ ޔާމީން ރަޝީދުގެ ބައްޕަ ބުނެދިން ވާހަކަތަކެއްގެ މައްޗަށް ކަމަށާއި މީހަކާ ހަވާލާދީ ދައްކާ ވާހަކައެއްގެ ސަބަބުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.