މާލޭގެ ލޯކަލް މާރުކޭޓާއި ވިޔަފާރިވެރިންގެ މާރުކޭޓުގައި ކާށީގެ އަގު 116 ޕަސެންޓު ބޮޑުވެއްޖެ އެވެ.

ރޯދަމަހާ ދިމާކޮށް ކާށީގެ އަގު ބޮޑުވެފައިވާ އިރު މާރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ކުރިން 600 އަށް ލިބުނު ކާށި ބަސްތާ މިހާރު ލިބެނީ 1300 ރުފިޔާ އަށް ކަމަށެވެ. އެއާ އެކު މިހާރު އެވްރެޖްކޮށް ކާއްޓެއްގެ އަގު އުޅެނީ 20 ރުފިޔާ އަށެވެ.

އެކި ސައިޒުގެ ކާށީގެ އަގުތައް ވެސް މާރުކޭޓުގައި ތަފާތެވެ. އެގޮތުން ކުޑަ ކާށީގެ އަގު އުޅެނީ 15 ރުފިޔާއަށެވެ. މެދު ސައިޒުގެ ކާއްޓެއް 20 ރުފިޔާއަށް އުޅޭ އިރު ބޮޑު ކާއްޓެއްގެ އަގު އުޅެނީ 25 ރުފިޔާ އަށެވެ.

މީގެ ކުރިން ކާށި ވިއްކައި އުޅުނީ ތިން ރުފިޔާއާއި ހަ ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

ކާށީގެ އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތަކާއި ބިންބިމުގައިވާ ރުށްތަކުން ކުރުނބާ އަދި ކާށި އަޅައި ވިއްކުމުގެ ފުރުސަތަށް އެދުމަށް ހުޅުވާލައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކާއްޓާއި ކުރުނބަލަށް އޮންނަ ޑިމާންޑު ބޮޑުވެ، އަގުތައް އުފުލޭކަން ފާހަގަކުރެވިފައިވާތީ އެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 21 ވަނަ ދުވަހު އޮފީސް ބަންދު ކުރުމުގެ ކުރިން މިނިސްޓްރީ އަށް ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ އިއުލާނުގައިވެ އެވެ.