މިދިޔަ އަހަރު އަހްމަދު ޝަރަފް ގާއިމްކުރި ހާފް މެރަތަންގެ ރެކޯޑު، ޝިފާޒް މުހައްމަދު މުގުރާލައިފި އެވެ.

މޮރޮކޯގެ ނަޑޯ މެރެތަންގައި އޯގަސްޓް މަހު ޝަރަފް ގާއިމްކުރި ހާފް މެރަތަންގެ ގައުމީ ރެކޯޑު، ޝިފާޒު މުގުރާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ނޭޕާލުގެ ބިރްގުންޖް ސިޓީ ހާފް މެރަތަންގައި ދުވެގެންނެވެ.

އެ ދުވުން ޝިފާޒް ފުރިހަމަކުރީ އެއް ގަޑިއިރާއި 16 މިނެޓް، ދިހަ ސިކުންތުންނެވެ. އެއީ ޝަރަފްގެ ރެކޯޑަށް ވުރެ، ހަތް ސިކުންތު އަވަސް ވަގުތެކެވެ. މިދިޔަ އަހަރު މޮރޮކޯގައި ކުރިއަށްދިޔަ ރޭސް ޝަރަފް ފުރިހަމަކުރީ އެއް ގަޑިއިރާއި 16 މިނެޓް، 17 ސިކުންތުންނެވެ.

މިދިޔަ އަހަރު ހާފް މެރަތަންގެ ރެކޯޑު ޝަރަފް މުގުރާލީ 2014 ވަނަ އަހަރު ޕުކެޓް މެރަތަންގައި އަހުމަދު ރިޒާ ގާއިމްކުރި ރެކޯޑެވެ. އެ އަހަރު ރިޒާ މުގުރާލާފައި ވަނީ 1994 ވަނަ އަހަރު ނަސީރު އިސްމާއިލް ގާއިމްކުރި ރެކޯޑެވެ. އޭރު ނަސީރު ރޭސް ފުރިހަމަކޮށްފައި ވަނީ އެއް ގަޑިއިރާއި، 19 މިނެޓް، 23 ސިކުންތުންނެވެ. ޕުކެޓް މެރަތަންގައި ނަސީރުގެ ރެކޯޑު، ރިޒާ މުގުރާލީ އެއް ގަޑިއިރާއި، 19 މިނެޓް، ފަސް ސިކުންތުން ރޭސް ނިންމައިގެންނެވެ.