ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނުނީ ވަކީލު އަލީ ޝާހް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ގޭބަންދަށް ބަދަލުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި ޝާހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިއެވެ. ނަމަވެސް އެ ތަހުގީގަށް ހުރަސްއެޅުމުގެގޮތުން ޝާހު ކުރީ ކޮން ކަމެއް ކަމެއް ފުލުހުން ނުބުނެއެވެ.

ގާނޫނީ ވަކީލު ޝާހު ހައްޔަރުކޮށްފައިވާއިރު ފުލުހުން މީގެ ކުރިން ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ޝާހު އަކީ މަރުގެ މައްސަލަތަހުގައި ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލެކެވެ. އަދި މަރުގެ ގިނަ މައްސަލަތަކެއްގައި ތަހުގީގު މަރުހަލާގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.

ސ. ފޭދޫ، ޗަނބޭލިގެ ޔާމީން ރަޝީދުގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވައި ފެނިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، އޭނާ ދިރިއުޅޭ ގޭގެ ސިނޑި ކައިރިންނެވެ.

އަދި އޭނާގެ މަރުގެ ތުހުމަތުގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ އިރު، ފުލުހުން ބުނާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

ޔާމީންގެ މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކަކީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން އެވެ. ނަމަވެސް އަނެއް ފަސް މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ.

ޔާމީން މަރުގެ މައްސަލަ ތަހުގީގް ކުރުމަށް ފުލުހުން އަންނަނީ ބޭރުގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.