16 May 2017, 12:11
ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެން ދިރިއުޅުނު އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯން ޗާލްސް ސީފާޓަށް 42000 އަށްވުރެ ގިނަ ޑޮލަރު ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އެ އަދަދަށްވުރެ މަދު އަދަދެއްގެ ފައިސާ އޭނާއަށް ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ހައިކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ވ. ފުލިދޫ ޑޭޒީމާގެ އަބްދުލް ހަސީބު މުހައްމަދުގެ ފަރާތުން ޖޯން އާއި އެމެރިކާގެ އެހެން ރައްޔިތެއް ކަމަށްވާ ކެތުރިން ކްރިސްޓައިން އަށް ދައްކަން ޖެހޭ ދަރަނީގެ އަދަދަކީ 39584.32 ޑޮލަރު ކަމަށެވެ.
އެ ފައިސާ އެ ދެމީހުންނަށް ލިބިދިނުމަށްޓަކައި، އިއްޔެއިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ހަސީބަށް ވަނީ އަންގައިފައެވެ.
ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެ ދެމީހުންނަށް ހަސީބު ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 42773.32 އެމެރިކާ ޑޮލަރު ކަމަށެވެ.
ޖޯން ސީފާޓަކީ، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހެކެވެ.
އޭނާގެ ގާނޫނީ ވަކީލަކަށް މަސައްކަތް ކުރެއްވި ޖޯން ރާއްޖެއަށް ދެ ލައްކަ ފަންސާސްހާސް ޑޮލަރު އިންވެސްޓްކޮށްފައި ވަނީ ދެ ދިވެހިންނާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަހުން ދިވެހިންތައް ޖޯން އެ ވިޔަފާރިން ބޭރުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.