16 May 2017, 09:03
ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފުރަތަމަ ހޮލީވުޑް ފިލްމު، 'ބޭވޮޗް' ރިލީޒް ކުރުމުގެ ކުރިން އޭނާ އިތުރު ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފި އެވެ.
ޕްރިޔަންކާ ސޮއިކޮށްފައި ވަނީ 'އަ ކިޑް ލައިކް ޖޭކް' ކިޔާ ފިލްމަކަށެވެ. އެ ފިލްމަކީ ހަތަރު އަހަރުގެ ޖޭކް، ނިއު ޔޯކުގެ އެންމެ މަތީ ފެންވަރުގެ ޕްރައިވެޓް ސްކޫލަކަށް ވެއްދުމަށް އޭނާގެ މައިންބަފައިން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގައި ޖޭކް ގެ މައިންބަފައިންގެ ރޯލުން ފެނިގެން ދާނީ ކްލެއާ ޑޭންސް އަދި ޖިމް ޕާސަންސް އެވެ.
ޕްރިޔަންކާ އެ ފިލްމުގައި ފެނިގެންދާނީ އަމާލް ކިޔާ އެކަނިވެރި މައެއްގެ ރޯލުންނެވެ. ޕްރިޔަންކާ އަކީ ޖޭކްގެ މައިންބަފައިންގެ އެކުވެރިއެކެވެ.
ފިލްމުގެ ވާހަކަ ޓުވިޓާގައި ހާމަކޮށްފައި ވަނީ ޕްރޮޑިއުސަރު ޕޯލް ބާނަން އެވެ.
ޓީވީ ސީރީޒް 'ކުއަންޓިކޯ' އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ދަ ރޮކް، އަދި ޒެކް އެފްރޯން ފަދަ ތަރިންނާ އެކު ބޭވޮޗް އިންނެވެ.
'ބޭވޮޗް' ރިލީޒް ކުރާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.