މާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާރާމާރީ ހިންގާފައިވަނީ މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލްގެ ޕާކިން އޭރިއާ ކައިރީގައި ކަމަށެވެ. އަދި ޒަހަމްވި މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްވި ޒުވާނާއަށް ހަމަލާދީފައިވަނީ، އޭނާ ވިލިމާލެއިން މާލެ އައިސް މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލްގެ ސައިކަލް ޕާކިން އޭރިއާއިން ނުކުމެގެން ބޭރަށް ދަނިކޮށެވެ. އަދި އޭނާއަށް ވަޅިން ހަމަލާދިނުމަށްފަހު، އެ ހަމަލާގައި ބައިވެރިވި ދެ މީހަކު ފިލާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅޭގޮތުން، އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު މައުސޫމް ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްތަކެއް ލިބިފައިވާ، 20 އަހަރުގެ ޒުވާނަކަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށެވެ. އަދި އެ ޒުވާނާގެ ޚާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޭނާގެ މެޔަށް ތިން ތަނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި. މިހާރު ވަނީ ޒަޚަމްތަކަށް ފަރުވާ ދިނުމަށް ފަހު، ވާޑަށް ބަދަލުކޮށްފައި،" މައުސޫމް ވިދާޅުވިއެވެ.