15 May 2017, 13:54
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭ ހުޅަނގު ފަރާތު ބަނދަރު ސަރަހައްދު (ޓީޖެޓީ ސަރަހައްދު)ގައި ވަގުތީ ދަތުރުވެރިން މާރުކޭޓެއް ހެދުމަށް އެގްރިކަލްޗަރު މިނިސްޓްރީން ނިންމައިފިއެވެ.
އެގްރިކަލްޗަރު މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަނޑުވެރިން ތަފާތު ގިނަ އުފެއްދުންތައް އުފައްދާ އޭގެ ތެރެއިން ބޮޑު ބައެއް މާލޭގައި މާކެޓް ކުރާ މަހެއް ކަމުން، އެ މަހުގައި ދަތުރުވެރިންގެ މާރުކޭޓަށް ބާރު ބޮޑުވާ ކަމަށެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ތަކެތި ވިއްކަން ޖެހުމަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް މާލެ ގެންނަ ދަނޑުވެރިންނާއި ދަތުރުވެރިންނަށް އަދި ތަކެތި ގަންނަ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން، ހަމައެކަނި ދިވެހި އުފެއްދުންތައް ވިއްކޭނެ ގޮތަށް ޓީޖެޓީ ސަރަހައްދުގައި ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ގާއިމްކުރަން ނިންމީ މި ރޯދަ މަހު ދަނޑުވެރިންނަށް ދޭ ހާއްސަ ހިދުމަތެއްގެ ދަށުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ވަގުތީ މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ދަނޑުވެރިންގެ ގްރޫޕްތަކަށް މިނިސްޓްރީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެގްރިކަލްޗަރު މިނިސްޓްރީން ބުނީ މާރުކޭޓުން ޖާގަ ދިނުމުގައި އިސްކަންދޭނީ އެންމެ ގިނަ އަދަދެއްގެ ދަނޑުވެރިން އެކަމަށް އެދި ހުށަހައަޅާ ރަށްތަކުން ކަމަށާއި ވަކިވަކި ދަނޑުވެރިންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި އިސްކަންދޭނީ އަތޮޅުތަކަށް އަމާޒު ކޮށްގެން ކަމަށެވެ.
އެގްރިކަލްޗަރު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހުސެއިން ސިނާން ވިދާޅުވީ، ޓީ ޖެޓީގައި ހަދާ ވަގުތީ މާރުކޭޓުގައި މިވަގުތު ޕްލޭން ކުރެވިފައިވަނީ 400 ފޫޓުގެ އަށް ގޮޅި ހެދުމަށް ކަމަށާއި ނަމަވެސް އެޔަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ.
މާރުކޭޓުން ޖާގައެއް ހޯދުމަށް އެދި ހުށާ ސިޓީގައި މިދިޔަ އަހަރުގެ ރޯދަ މަހު އެރަށަކުން ބޭރުކުރި މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މިއަހަރު މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނެ ގޮތަށް ހުށަހަޅަންޖެހެއެވެ.
އަދި ދަތުރުވެރިންގެ ވަގުތީ މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށްވާ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޖުލައި ފަސް ވަނަ ދުވަހުގެ އިރުއޮއްސި 6:00 ކުރިން ތަން ހުސްކުރަން ޖެހެއެވެ.
ވަގުތީ ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ސަމާލުވާންވީ ކަންތައްތައް
ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ތާޒާ، މޭވާ އާއި ތަރުކާރީ ކަމުގައިވުން
- ރާއްޖޭގެ ދަނޑުވެރިން ނުވަތަ ދަތުރުވެރިން މާރުކޭޓްގައި ތަކެތި ވިއްކުން
- ކޮންމެ ރެއަކު ތަކެތި ވިއްކާ ނިމުމުން ގޮޅީގައި އުފެދޭ ކުނިތައް ކަނޑައަޅާ ތަނަކަށް ކުނިތައް ޖަމާކޮށްފައި ބެހެއްޓުން
އެގްރިކަލްޗަރު މިނިސްޓްރީން ބުނީ، ވަގުތީ ދަތުރުވެރިންގެ މާރުކޭޓުން ޖާގައެއް ހޯދުމަށް އެދި ސިޓީ ހުށަހެޅުމުގެ ފަހު ތާރީހަކީ އަންނަ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށެވެ.