މި ސަރުކާރުގެ އެއްވެސް ވަޒީރަކު ބަދަލުކުރުމަކީ އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބް ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ޖަގަހަގައި މިރޭ ޕީޕީއެމް، އެމްޑީއޭ އަދި ޑީއާރޕީ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ރައީސް ޔާމީންގެ ވެރިކަން ވައްޓާލާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ކަމަކާ ނުކުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެމްޑީޕީއަށް ބުނެލަން އޮތީ މިސަރުކާރު ނުވެސް ވެއްޓޭނެއޭ މި ސަރުކާރު ބަދަލެއްވެސް ނުކުރެވޭނެއޭ. މި ސަރުކާރުގަ ހުރި އެއްވެސް ވަޒީރަކުވެސް ލާހިކެއް ނޫނޭ ބަދަލުކުރާކަށް،" މައުރޫފް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ވަޒީރުންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވޭނީ، އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު އެދިފައި ވަނިކޮށެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެމްބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.

އެ މާއްދާގައި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ ވަކި ސަބަބު ތަކެއް އޮވެގެން ކަމަށް ބުނެފައެއް ނުވެ އެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދުނީ ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އެ ސަބަބުތަކުގެ މައްޗަށް ބިނާވެގެން މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ކަމަށް ކަނޑައަޅައިދިނުމަށެވެ.

މިރޭގެ ޖަލްސާގައި މައުރޫފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ރައީސް ޔާމީންގެ ޒައާމަތުގައި ބޮޑު ކުރިއެރުމެއް ގެނެސްދީފި ކަމަށާއި، މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ދެމުން އަންނަނީ ޒަމާނީ ތައުލީމް ކަމަށެވެ. އަދި ތައުލީމީ ގޮތުން ދަރިން ކުރިއަރައި ދިއުމަކީ ކޮންމެ މައެއްގެ އުއްމީދު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ތައުލީމީ ނިޒާމު ގުޅިފައިވަނީ ގައުމެއްގެ މުސްތަގުބަލާކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ، ރައީސް ޔާމީނަށް ވޯޓު ދެއްވަންވީ އެއް ސަބަބަކީ އެދާއިރާ ކުރިއަރުވައި ތަރައްގީ ކުރާތީ ކަމަށެވެ. އަދި ތައުލީމީ ނިޒާމު ފުރިހަމަ ކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައިވެސް އެތައް މިލިއަން ރުފިޔާއެއް ހިމަނާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.