14 May 2017, 22:27
ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި ގާނުނީ ވަކީލު އަލީ ޝާހް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި ޝާހު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.
ގާނޫނީ ވަކީލު ޝާހު ހައްޔަރުކޮށްފައިވާއިރު ފުލުހުން މީގެ ކުރިން ވަނީ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ޝާހު އަކީ މަރުގެ މައްސަލަތަހުގައި ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލެކެވެ. އަދި މަރުގެ ގިނަ މައްސަލަތަކެއްގައި ތަހުގީގު މަރުހަލާގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.
ސ. ފޭދޫ، ޗަނބޭލިގެ ޔާމީން ރަޝީދުގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވައި ފެނިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ، އޭނާ ދިރިއުޅޭ ގޭގެ ސިނޑި ކައިރިންނެވެ.
އަދި އޭނާގެ މަރުގެ ތުހުމަތުގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ އިރު، ފުލުހުން ބުނާ ގޮތުގައި ޔާމީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.
ޔާމީންގެ މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެކަކަކީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން އެވެ. ނަމަވެސް އަނެއް ފަސް މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއްނުކުރެ އެވެ.
ޔާމީން މަރުގެ މައްސަލަ ތަހުގީގް ކުރުމަށް ފުލުހުން އަންނަނީ ބޭރުގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.