11 Jul 2011, 14:55
އިޓަލީގެ އިންޓަމިލާން ދޫކޮށް ދާން ޚިޔާލު ނުކުރާ ކަމަށް އެކްލަބުގެ ކެމަރޫން ފޯވާޑް ސަމުއެލް އެޓޫ ބުނެފިއެވެ. އެޓޫ މިހެން ބުނެފައިވަނީ އިނގިރޭސި މުއްސަނދި ކްލަބް މެންޗެސްޓާ ސިޓީން އޭނާ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ޕްރެމިއާ ލީގަށް ކުޅެލައި ޓެސްޓްކޮށްލަން ބޭނުންކަމަށް މިދިޔަ މަހު އެޓޫ ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އެޓޫ ބުނަނީ އިޓަލީ މަޑުކުރަން ބޭނުންވާ ކަމަށެވެ.
"ނޫސްތަކުގައި އަހަރެން އިންޓަ ދޫކޮށްލަނީއޭ ލިޔެފައިވޭ. އަހަރެން އަދި އިންޓަ ދޫކޮށްލާކަށް ބޭނުމެއް ނޫން. މިކަމާއި ބެހޭ ގޮތުން ވަރަށްފ ަހުން އިންޓަމިލާންގެ ރައީސް މޮރާޓީއާއި ވެސް ވާހަކަދެއްކިން." އެޓޫ ބުންޏެވެ.
އިންޓަ މިލާންއަށް މިދިޔަ ސީޒަންގައި ދިމާވި ނާކާމިޔާބީތަކުގެ ސަބަބުން އިންޓަރދޫކޮށް 30 އަހަރުގެ އެޓޫ ދާނެކަމަށް ގަބޫލުކުރެވިފައި ވެއެވެ. އިންޓައަށް މިދިޔަ ސީޒަންގެ ލީގު ތަށި ނުލިބުމުގެ އިތުރުން ދެ ފަހަރެއްގެ މަތިން ކޯޗްވެސް ބަދަލުކޮށްފައި ވެއެވެ.
އެޓޫ މިހާރު ހުރީ ޓީމުގެ އެހެން ކުޅުންތެރިންނާއިއެކު އަންނަ ސީޒަންގެ ފަރިތަކުރުންތަކުގަ އެވެ. އާ ކޯޗް ޖިއާން ޕިއެރޯ ޖަސްޕެރިނީއާއިއެކު އާ ކުރިމަތިލުމަކަށް ތައްޔާރުވުމަށް ވަރަށް އުފާކުރާކަމަށް އެނާ ބުނެ އެވެ.
"އިންޓަ މިލާނާއެކު ކުރިއަށް ދިއުމަށް އަހަރެންމިހިރީ ތައްޔާރަށް. އަހަރަށް މިހިރީ ފިޓްކޮށް. މިއީ އާ ސީޒަނާއި ކުރިމަތިލުމަށް ފަރިތަކުރުންތައް ފަށައިގަތުމަށް ރަނގަޅު ދަނޑިވަޅެއް. އާ ކޯޗާއިއެކު ކާމިޔާބީ ހޯދުމަށް ތައްޔާރު." ފޯވާޑް އެޓޫ ބުންޏެވެ.
އިންޓަމިލާންއަށް ސަންޓޯސްގެ ޑިފެންޑަރު ޖޮނަތަން ގެނައުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށް ޖޮނަތަންގެ އެޖެންޓް ތަޑިޗްވަނީ ހާމަކޮށްފައެވެ. ޖޮނަތަން ސޮއި ހޯދިއްޖެނަމަ ޖޮނަތަން ވާނީ އަންނަ ސީޒަނަށް އިންޓާ މިލާންއަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.