14 May 2017, 21:36
ހދ. ކުރިނބީ ކައުންސިލްގެ ނަތީޖާ އެއްވަރުވެ ދެވަނަ ބުރެއް ބާއްވަން ޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ އިން ދެއްކި ނަމަވެސް އަލުން ކުރިނބީ ފޮށި ގުނި އިރު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީ އިންތިޚާބު ކާމިޔާބުކުރި ކަމަށް ދައްކައިފި އެވެ.
ކުރިނބީގައި ބެހެއްޓި ވޯޓު ފޮށި މިރޭ އޮބްޒާވަރުންނާއި މޮނިޓަރުންގެ ހާޒިރުގައި އިލެކްޝަންސް ކޮމިޝަނުން އަލުން ގުނި އިރު، ވަގުތީ ނަތީޖާ އިން އެއްވަރުވި ކަމަށް ދެއްކި ތިން ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީ އަށް ވަނީ ވަގުތީ ނަތީޖާ އިން ދައްކާ އަދަދަށް ވުރެ އެއް ވޯޓު އިތުރަށް ލިބިފަ އެވެ. އެއްވަރުވި އަނެއް ދެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަގުތީ ނަތީޖާ އިން ދައްކާ އަދަދަށް ކަމަށް މިރޭ އަލުން ގުނުމަށް ފަހު ނެރުނު ވަގުތީ ނަތީޖާ ޝީޓް ދައްކަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާގޮތުގައި ޝާފީގެ އިތުރުން އެމްޑީޕީގެ އެހެން ކެންޑިޑޭޓެއް ކަމުގައިވާ އަހުމަދު މުޖުތަބާ އާއި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް އާސިފަށް ލިބިފައި ވަނީ 218 ވޯޓެވެ. ނަމަވެސް މިރޭ އަލުން ކުރިބީ ފޮށި ގުނި އިރު، ޝާފީއަށް އިތުރަށް އެއްވޯޓު ލިބުމުން އެ އަދަދު 219 އަށް އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވޯޓު ފޮށި ގުނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ: އަހްމަދު އާޒިފް
އަފްރާހު އާއި ޝާފީގެ އިތުރުން ދެން ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ފައްތާހު އަބޫބަކުރެވެ.