14 May 2017, 21:51
ރާއްޖޭގެ ލިވްއަބޯޑު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބްލަކް މޯލްޑިވްސްއިން އޯގަނައިޒް ކުރާ" މޯލްޑިވްސް މެރިން އެކްސްޕޯ" މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިއަހަރުގެ އެކްސްޕޯ އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11ގެ ނިޔަލަށް މާލޭގައެވެ.
ލިވްއަބޯޑު އިންޑަސްޓްރީއަކީ ރާއްޖޭގައި މެރިން އިންޑަސްޓްރީއަށް ބޮޑެތި ފައިދާތަކެއް ކުރުވާ އިންޑަސްޓްރީއެކެވެ.
ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)ގެ އަހަރީ މައުރަޒުގެ ހަތަރު ވަނަ މައުރަޒު ސެޕްޓެމްބަރުގައި ބާއްވަން ނިންމި އިރު، އެ މައުރަޒު އިންތިޒާމު ކުރާ ބްލަކް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހުޝާމް އިސްމާއިލް ވިދާޅުވީ މިއަހަރުގެ އިވެންޓު ވެގެންދާނީ ކުރީ ތިން އަހަރާވެެސް ތަފާތުކޮށް ގެނެސްދޭ އިވެންޓަކަށް ކަމަށެވެ.
އަދި މިއަހަރުގެ އެކްސްޕޯ ދިމާވަނީ ލޭމްގެ 10 އަހަރު ފުރޭ އަހަރާ ދިމާކޮށް ކަމަށްވުމީ އޭގެ އެއް ސަބަބު ކަމަށް ހުޝާމް ވިދާޅުވިއެވެ.
"އަނެއް ކަމަކީ މި އިވެންޓަކީ އިންޑަސްޓްރީގެ މީހުން އިންޑަސްޓްރީގެ އެންމެ މަގުބޫލު އަދި ރަނގަޅު ތަކެތި ހޯދައި އެ ވިއްކާ ފަރާތްތަކާ ގުޅުން ބަދަހިކޮށް އާ ޓެކްނޮލޮޖީގެ ތަފާތު ދަނެގަތުމުގެ ޕްލެޓްފޯމު،" ހުޝާމް ވިދާޅުވިއެވެ.
މެރިން އެކްސްޕޯ ފާހަގަވެގެންދަނީ ރާއްޖޭގައި، އެންމެ ބޮޑު ސަރަހައްދެއްގައި ބާއްވާ އެންމެ ބޮޑު އިވެންޓުގެ ގޮތުގައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އިވެންޓުގައިވެސް ވަނީ ބޮޑު ސަރަހައްދެއް ބޭނުންކޮށްފައެވެ. އެ މައުރަޒު ބޭއްވީ ހުޅުމާލޭގެ މެރީނާ ބޭ ސަރަހައްދުގައެވެ.
މިދިޔަ އަހަރުގެ މައުރަޒަށް 3،000 އެއްހާ މީހުން ޒިޔާރަތް ކުރި އިރު، މައުރަޒުގެ ފަހު ދުވަހު އާންމުންނަށް ހުޅުވާލުމުން އެދުވަހު އެކަނިވެސް 1،000 މީހުން އެ މައުރަޒަށް ޒިޔާރާތް ކުރިއެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ 2016ގެ މެއިން ސްޕޮންސަރަކަށް ހަމަޖެއްސީ އެމްޓީސީސީއެވެ. ކޯ ސްޕޮންސާއަކަށް މެރީން އިކުއިޕްމެންޓްސްއެވެ. އެއާލައިން ޕާޓްނާގެ ގޮތުގައި މެގަ މޯލްޑިވްސް ހަމަޖައްސިއިރު ޓެލެކޮމް ޕާޓްނަރަކީ ދިރާގުއެވެ. ލައިފްސްޓައިލް ޕާޓްނަރކަމަށް އީވޯ ހަމަޖެއްސި އިރު ޕްރޮޕޯޝަނަލް ޕާޓްނަގެ ގޮތުގައި ހަމަޖެއްސީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.