ޕޭލީވްގައި އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ނުދިން ނަމަވެސް އަހަރީ ޗުއްޓީއާއި ވިހެއުމުގެ ޗުއްޓީގައި ތިބި މުވައްޒަފުންނަށް ރޯދަމަހުގެ އެލަވެންސް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އެ މިނިސްޓްރީން ނެރުނު ސާކިއުލާ، ބައެއް މީޑިއާތަކުން ހަބަރުގައި ގެނެސްދީފައި ވަނީ އޭގެ މާނަ އޮޅޭ ގޮތަށް ކަމަށެވެ. އަދި މިއަހަރުވެސް ދޭން ނިންމާފައިވަނީ މީގެ ކުރީގެ އަހަރުތަކުގައި އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ކަމަށްވެސް ބަޔާނުގައި ވެއެވެ.

"ދައުލަތުގެ މުއައްސަސާތަކުގައި ނޯ ޕޭ، އަދި ޕޭ ލީވްގައި ތިއްބަވާ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މީގެ ކުރިންވެސް ދީފައިނުވާނެ އެވެ،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ، އެ މިނިސްޓްރީގެ ޚަބަރެއް ގެނެސްދޭ ނަމަ އެމިނިސްޓްރީގެ ބަހެއް ހޯދަން އިލްތިމާސްކުރާ ކަމަށެވެ.

ސަރުކާރު މުވައްޒިފުންނަށް މި އަހަރު ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 3000 ރުފިޔާއެވެ. އަދި އެ އިނާޔަތް ދެނީ މި މަހުގެ މުސާރައާ އެކުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަމަހުގެ އެލަވަންސް ނުދިން ނަމަވެސް، އެފަދަ ލީވެއްގައި ހުރުމަށް ފަހު ރޯދަ މަހުގެ މެދު ތެރޭގައި އެނބުރި ވަޒީފާއަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް ފައިސާ ދިނުމަށް ފިނޭންސުން ވަނީ އަންގައިފައެވެ.