14 May 2017, 20:13
މި ސީޒަން ނިމުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޕަބްލޯ ޒަބަލޭޓާ ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
މެންޗެސްޓާ ސިޓީން އެ ކްލަބުގެ ވެބްސައިޓުގައި ބުނެފައިވަނީ ޖުލައި މަހު ސީޒަން ނިމުމާއެކު ޒަބަލޭޓާ އެ ޓީމު ދޫކޮށްލާނެ ކަމަށާއި އަދި ދެފަރާތުން ވާހަކަދައްކައިގެން އެއްބަސްވުން އައު ނުކުރަން ނިންމާފައިވާކަމަށެވެ.
އެ ކުލަބުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވެސްޓްބްރޮމްއާ ދެ ކޮޅަށް އަންގާރަ ދުވަހު އެޓީމުން ކުޅޭ މެޗަކީ ޒަބަލޭޓާ، އިއްތިހާދު ސްޓޭޑިއަމްގައި އެޓީމަށް ކުޅެދޭނެ އެންމެ ފަހު މެޗް ކަމަށާއި އެކަން ފާހަގަކުރުމުގެ ފުރުޞަތު ހުރިހާ ސަޕޯޓަރުންނަށްވެސް ލިބިގެންދާނެ ކަަމަށެވެ.
ސިޓީގެ ބަޔާނުގައި ބުނެފައިވަނީ މުހިއްމު ހަތް ކުޅުންތެރިއެއްގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު ހަމައެކަނި ސިޓީ ދޫކޮށްދާނެ ކުޅުންތެރިއްގެ ގޮތުގައި އަދި ޔަގީން ވެފައިވަނީ ޒަބަލޭޓާ އެކަނި ކަމަށެވެ.
އެސްޕަންޔޯލްއިން 2008 ވަނަ އަހަރު ސިޓީއަށް ބަދަލުވި ޒަބަލޭޓާ ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ ޓީމަށް މުހިއްމު ކާމިޔާބީތަކެއް ހޯދުމުގައި އެހީތެރިވެދީފައެވެ.
އުމުރުން 32 އަހަރުގެ ޒަބަލޭޓާ ވަނީ ސިޓީގައި ހޭދަ ކުރި މުއްދަތުގައި އެޓީމާ އެކު ދެ ފަހަރަށް ޕްރިމިއާލީގު ކާމިޔާބުކޮށް އެއްފަހަރު އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. އަދި ދެ ފަހަރު ފުޓްބޯލް ލީގު ކަޕް ކާމިޔަބުކޮށް އެފްއޭ ކޮމިޔުނިޓީ ޝީލްޑް އެއްފަހަރު ހޯދާފައެވެ.
މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން ޒަބަލޭޓާ ސީޓީ ދޫކޮށްލި ނަމަވެސް އޭނާ ބަދަލު ވާނީ އިނގިރޭސި ކުލަބަކަށެވެ. ވެސްޓްހާމް ޔުނައިޓެޑުންވަނީ ޒަބަލޭޓާއަށް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހުށަހަޅައިފައެވެ.