14 May 2017, 20:06
ރާއްޖެއަށް އިސްލާމިކް ޝަރީއާ ހުއްދަކުރާ އިންޝުރެންސް ތައާރަފް ކުރި އަމާނާ ތަކާފުލް އިން ސަލާމަތީ ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާއްސަ އިންޝުރެންސް ޕެކޭޖެއް ތައާރަފްކޮށްފިއެވެ.
"ކަށަވި" ނަމުގައި އެ ޕެކޭޖު ތައާރަފް ކޮށްދެއްވީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގައި ހޯމް މިނިސްޓަރު އަހުމަދު އަޒްލީނެވެ.
އަމާލާ ތަކާފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީސް ސުލައިމާން ވިދާޅުވީ އެ ސްކީމުގެ ދަށުން އަމާނާ ތަކާފުލްގެ ތާޑް ޕާޓީ އިންޝޫރެންސް ހޯދުމުން، ހިލޭ ޕާސަނަލް އެކްސިޑެންޓު ބެނެފިޓް ކަވާއެއް ލިބޭނޭ ކަމަށެވެ. އަދި އެ ޚިދުމަތަކީ 24 ގަޑިއިރު ހިދުމަތުގައި އުޅޭ މީހުންނަށް ބޭނުންވާނެ ޚިދުމަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްކީމުގެ ދަށުން އިންޝުއަރެންސް ލިބޭ މުވައްޒަފުން:
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)
- މޯލްޑިވްސް ޕޮލިސް ސާވިސް
- މޯލްޑިވްސް ކަސްޓަމްސް ސާވިސް
- މޯލްޑިވްސް އިމިގްރޭޝަން
- އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިން
- ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓާ
- މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މި ސްކީމުގެ ދަށުން ބަދަލު ލިބޭނީ، އަމާނާ ތަކާފުލްގެ އިންޝުރެންސްކޮށްފައިވާ އެއްގަމުގެ އުޅަނދެއް އެކްސިޑެންޓުވުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ފުރާނަ ގެއްލުންވާފަދަ ހާދިސާއެއް ހިނގައިފި ނަމައެވެ. އެގޮތުން 500،000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދޭނެ އެވެ. އަދި ވަކި ސްކީމެއްގެ ގޮތުގައި ލޯންޗް ކުރި ނަމަވެސް މި ސްކީމަށް ވަކި ޕްރިމިއަމް އެއް ދައްކާކަށް ނުޖެހޭނެއެވެ.

އަމާނާ ތަކާފުލްގެ "ކަށަވި" ލޯންޗުކޮށްދެއްވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
"ކަށަވި" ލޯންޗުކޮށްދެއްވުމަށްފަހު މިނިސްޓަރު އަޒްލީން ވިދާޅުވީ ސަލާމަތީ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަކީ ފުރާނަ އަތްމައްޗަށް ލައިގެން ހިދުމަތަށް ނުކުންނަ ބައެއް ކަމަށާއި އެހެންކަމުން މިފަދަ އިންޝުއަރެންސް ޕޮލިސީއެއްގެ ސަބަބުން އެ ހިދުމަތްތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
ެެަެައަމާނާ ތަކާފުލްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް ޝަރީއާ ހުއްދަކުރާ އިންޝުއަރެންސް ރާއްޖޭގައި ފުރަތަމަ ފެށި ކުންފުންޏަށްވާއިރު، އެކުންފުނިން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަތާ މިހާރު 14 އަހަރު ވެއްޖެ އެވެ.