މިދިޔަ ހޮނިހިރު ދުވަހު އުމުރުން 34 އަހަރު ފުރުނު މެންޗެސްޓާ ސިޓީގެ މިޑްފިލްޑަރު ޔާޔާ ޓޯރޭގެ އުފަންދުވަސް އެ ކުލަބުގެ ސަޕޯޓަރުންނާއި ކުލަބުން ފާހަގަކުރި ނަމަވެސް އުފަންދުވަހަކީ އޭނާ ފާހަގަކުރަން ބޭނުންވާ ދުވަހެއް ނޫންކަމަށް ބުނެފިއެވެ.

އިއްޔެ ހަވީރު ލެސްޓާ ސިޓީއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ބައެއް ސަޕޯޓަރުންވަނީ ޔާޔާ ޓޯރޭއަށް އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުވުމަށް ތަފާތު ގިނަ ބެނާތައް ބޭނުންކޮށްފައެވެ.

މެންޗެސްޓާ ސިޓީގެ ޔާޔާ ޓޯރޭ --- ފޮޓޯ: ޓެލެގްރާފް

މެޗަށް ފަހު ޓޯރޭ ބުނީ އޭނާ އުފަަންދުވަސް ފާހަގަކުރަން ބޭނުންނުވާކަމަށާއި ހަޔާތުން ދުވަހެއް ފާއިތުވެގެން ދިޔުމަކީ އެކަމާ އުފާ ފާޅުކުރަން ޖެހޭ ކަމެއް ނޫންކަމަށެވެ. ޓޯރޭ ބުނީ ހަޔާތުން އަހަރެއް މަދުވުމުގެ އުފާފާޅުކުރުމަށްވުރެ މެޗުން ތިން ޕޮއިންޓް ލިބުމުން އެކަމުގެ އުފާ ފާޅުކުރުން މާ ހިތްހަމަޖެހޭ ކަމަށެވެ.

މި ސީޒަނަށް ފަހު މެންޗެސްޓާ ސިޓީއާ އެކު ޓޯރޭ ހަދާފައިވާ އެއްބަސްވުން ހަމަވާއިރު އޭނާ ބުނީ އޭނާ މިވަގުތަށް ވިސްނަނީ ދެން އެންމެ އަވަހަށް ސިޓީ ކުޅޭ މެޗާ ގުޅޭ ގޮތުންކަމަށާއި އެހެން ކަމަކާ ވިސްނާނީ ފަހުން ކަމަށެވެ. އަދި އެ މެޗަކީ އޭނާގެ މުސްތަގުބަލާވެސް ގުޅުން ހުރި މެޗެއް ކަމަށެވެ.

ޔާޔާ ޓޯރޭ އުފަންވީ 1983 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އައިވަރީ ކޯސްޓްގެ ބުއާކޭއަށެވެ.