14 May 2017, 18:30
އަމާނާއިން ރާއްޖޭގައި އޮޕަރޭޓްކުރާ އިންޝުރަންސް ކުންފުނި އަމާނާ ތަކާފުލް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު މާލީ ފައިދާގެ 12.5 ޕަސަންޓު، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށް ނިންމައިފިއެވެ.
އަމާނާ ތަކާފުލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ވަނީ ބާއްވައިފައެވެ. މޫކައި ސުއީޓްސްގައި ބޭއްވި ޖަލްސާއަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަމާނާ ތަކާފުލްގެ ބޯޑުން ބުނީ، މިދިޔަ އަހަރުގެ ތެރޭގައި އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ފައިދާގެ 10 ޕަސަންޓު ބެހުމަށް ނިންމި އިރު، އިތުރު 2.5 ޕަސަންޓާ އެކު މުޅި އަހަރަށް ހިއްސާދާރުންނަށް ފައިދާގެ 12.5 ޕަސަންޓު ބެހުމަށް ނިންމާފައިވާ ކަމަށެވެ.
އަމާނާ ތަކާފުލް މޯލްޑިވްސްގެ ޗެއާމަން ތޮއްޔިބު އަކްބަރު އަލީ ވިދާޅުވީ، މިދިޔަ އަހަރު ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުންބިދޭސީ މަސައްކަތްތެރީންގެ މެޑިކަލް އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދިނުމުން އެކުންފުނި މަހުރޫމުވުމުގެ ސަބަބުން، ކުންފުނީގެ އަމާޒު ހާސިލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށް ޗެއާމަން ވިދާޅުވިއެވެ.
އެހެން ނަމަވެސް ތަފާތު މާކެޓުތަކަށް ޚާއްސަކޮށްގެން ޚިދުމަތްތައް ތައާރަފުކޮށް، ޚިދުމަތް ފޯރުކޮށްދޭ މަގުތައް ފުޅާކޮށްގެން އަމާނާ ތަކާފުލްއިން މިދިޔަ އަހަރު ވަނީ ރެކޯޑު އާމްދަނީއެއް ހޯދައިފައެވެ. އެގޮތުން، އެކުންފުނީގެ އަމާޒު ކަމުގައިވާ 100 މިލިޔަން ރުފިޔާގެ އާމްދަނީ މިދިޔަ އަހަރު ހޯދިއެވެ.
އަމާނާ ތަކާފުލްގެ މެނޭޖިންގް ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ، ކުންފުނީގެ މަގްސަދަކީ ވިޔަފާރިއަށް އާ ދޮރުތައް ހުޅުވައި، ކުންފުނީގެ ފައިދާގެ މިސްރާބު އަމާޒަށް ވާސިލްވާނެހެން ދެމެހެއްޓުން ކަމަށެވެ.
ހަރީޒް ވިދާޅުވީ އަމާނާ ތަކާފުލަކީ ރާއްޖޭގެ އިންޝުއަރަންސް ދާއިރާގެ 15 ޕަސަންޓު މާކެޓް ޝެއާ ހިފަހައްޓާ ކުންފުނި ކަމަށެވެ.
މިދިޔަ އަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކްލެއިމް ހުށަހެޅުނު އަހަރު ކަމަށާއި، ތަކާފުލް ކްލެއިމް ކުރި ފަރާތްތަކަށް އެއްބާރުލުންދީ، ހައްގު ބަދަލުވެސް ފޯރުކޮށްދީފައިވާ ކަމަށް އަމާނާ ތަކާފުލްއިން ބުނެއެވެ.
ހިއްސާގެ ފައިދާ ބެހުމަށްޓަކައި ހިއްސާގެ ދަފްތަރުގައި، މެއި 23ގެ ކުރިން ރެޖިސްޓްރީކުރަން ޖެހެއެވެ.