ފެނަކަ ކޯޕަރޭޝަންގެ އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުންނަ އިރު ހެދުންއަޅަން ޖެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެންފިއެވެ. އެގޮތުން އެކުންފުނީގެ ބޯޑުން މިއަދު ވަނީ، އަންހެން މުވައްޒަފުން ފޫކޮޅު ނިވާވާވަރުގެ ހެދުމެއް ލާގޮތަށް އުސޫލަށް ބަދަލުގެނެސް ފާސްކޮށްފައެވެ.

އެކޯޕަރޭޝަންގެ ހެދުން އެޅުމާ ބެހޭ ގަވައިދަށް މިއަދު ގެނެސްފައިވާ އިސްލާހްގައި ބުނެފައި ވަނީ ވަޒީފާއަށް ނުކުންނަ އިރު އަންހެން މުވައްޒިފުން ބެގީކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.

"އަންހެން މުވައްޒަފުން އޮފީހުގެ ރަސްމީގަޑީގައި ބޭނުންކުރަން ވާނީ ފޫކޮޅު ނިވާވާވަރުގެ ހެދުމެކެވެ." އަލަށް ހެދި ގަވައިދުގައި ބުނެފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ބޯޑު ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

އަލަށް ހެދި ގަވާއިދު ބުނާ ގޮތުން ޖީންސް ފޮތީގެ ހަރުވާޅާއި ބެލްސް އަދި ފަޓްލޫން ވެސް ރަސްމީ ގަޑީގައި ލުމަކީ މަނާކަމެކެވެ.

އެކޯޕަރޭޝަންގެ ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ދިގުނަމަ ރަސްމީ ގަޑީގައި ހުންނަން ވާނީ ރީތިކޮށް ފުނާއަޅައި އައްސާފައި ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ހުޅިޖަހާފައި ބެހެއްޓުން ވަނީ މަނާކޮށްފަ އެވެ.