10:00


ދިވެހި ރައްޔިތުންގެ ޕާޓީން އިސްނަގައިގެން ބާއްވަމުން ގެންދިޔަ މުޒާހަރާތައް، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހުއްޓާލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެކަމަށް މަރުޙަބާ ވިދާޅުވެއްޖެ އެވެ.


ރައީސް ނަޝީދު މިކަމަށް މަރުހަބާ ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ފިއުލް ސަރޗާޖްގެ ގޮތުގައި ކަރަންޓަށް ވަކި އަދަދެއް އިތުރުކޮށްފައިވުމާއެކު، ކަރަންޓުގެ އަގު ބޮޑުވަމުންދާތީ، އެކަން ޙައްލުކުރައްވައި، އެ ބުރަ، ރައްޔިތުންގެ ކިބައިން ލުއިކުރެއްވުމަށް މިދިޔަ ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ، ޚާއްޞަ ޓާސްކްފޯހެއް އުފައްދަވައި، އެމަސައްކަތް ވަރަށް ބާރަށް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހުކުރު ދުވަހު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ކަރަންޓުގެ ބިލު ބޮޑުވުމާ ގުޅިގެން ވަރަށް ގިނަ ރައްޔިތުންނަށް އެކަމުގެ ދަތިތަކެއް ފޯރަމުންދާތީ، އެ ދަތިތައް ޙައްލު ކުރުމުގައި ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، ރައްޔިތުންނަށް އެހާބޮޑު ދައްޗެއް ކުރިމަތި ނުވާ ކަހަލަ ގޮތަކަށް އެކަން ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ނަޝީދުގެ އެ ބަޔާނުގައިވެ އެވެ.


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއަކީ، މާލޭގެ ބޮޑު އިންޖީނުގެ ފެށުނީއްސުރެ ހިނގާދިޔަ ދިގު މުއްދަތުގައި ނުހަނު އެކަށީގެންވާ ގޮތެއްގައި ދެހާހުގެ އަހަރުތަކާ ހަމައަށްވެސް ހިނގަމުން އައި ސަރުކާރުގެ ކުންފުންޏެއް ކަމަށާއި އެހެންނަމަވެސް، ފަހަކަށްއައިސް އެ ކުންފުންޏަކީ ނުހަނު ބޮޑު އަދަދެއްގެ ދަރަނިން އަރައިނުގަނެވިވާ ކުންފުންޏެއް ކަމަށްވުމަކީ، ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އެހެންކަމުން، ސަރުކާރުގެ ކުންފުނިތަކަކީ، ހަރުދަނާ ގޮތެއްގައި ޒަމާންތަކަށް ހިނގަމުންދާނެ ކުންފުނިތަކަކަށް ހެދުމަކީވެސް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ވާދަވެރި އުސޫލުން ވިޔަފާރީގެ އެންމެހާ ހަމަތަކާއެކު، ސްޓެލްކޯއާއި ރާއްޖޭގެ އެހެން ކުންފުނިތަކާއި، ޔޫޓިލިޓީޒް ކުންފުނިތައްވެސް ހިންގުމަށް ބޭނުންވާ ސިޔާސަތުގެ ދަށުން އެ ކުންފުނިތަކުގެ އަގުތަކަށް އަންނަ ބަދަލާއެކު، ސަރުކާރުން ރައްޔިތުންނަށް ދިނުން ކޮންމެހެން ބޭނުންވާ އެހީތައް އަބަދުވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އެބަޔާނުގައިވެ އެވެ.


ކުންފުންޏެއް ދަރަނިވެރިވެ، ވިޔަފާރީގެ ހަމަމަގުން ނެއްޓި ދިޔުމަށް ދޫކޮށްލުމުން، ލިބޭ ގެއްލުމަކީވެސް ރައްޔިތުންނަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި އެހެންކަމުން، މިހާރު އެކަށައެޅިފައިވާ ސިޔާސަތާއެކު ކުރިއަށް ދިޔުމުން، ދެމެހެއްޓެނިވި ގޮތުގައި ސަރުކާރުގެ އެންމެހާ ކުންފުނިތައް ހަރުދަނާކަމާއެކު ހިންގޭނެކަމަށް ސަރުކާރުން އަންދާޒާ ކުރާ ކަމަށާއި އަދި އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް އެބަޔާނުގައިވެ އެވެ.


ކަރަންޓުގެ އަގަށް އައި ބަދަލާއެކު، ދިވެހި ރައްޔިތުންގެ ޕާޓީން އިސްނަގައިގެން ބާއްވަމުން ގެންދިޔަ މުޒާހަރާތައް، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހުއްޓާލުމާ ގުޅިގެން، ޑީ.އާރު.ޕީ.އަށް މަރުޙަބާ ވިދާޅުވެ، އެ ޕާޓީގެ ޒަޢީމަށާއި، އެ ޕާޓީގެ އެންމެހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް އެބަޔާނުގައި އެވެ.


ރައްޔިތުންނަށް ލާބައާއި މަންފާހުރި ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސައްކަތް ކުރާ ވާދަވެރި އެންމެހާ ފަރާތްތަކަށް އަބަދުވެސް ސަރުކާރުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އެބަޔާނުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.