14 May 2017, 13:15
ރައްޔިތުންގެ މަޖިލީހުގެ ދިއްދަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ފާރިސް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާއިލީގޮތުން ވަރަށް ގާތް މެމްބަރަކު އިންޑިއާގެ ބެންގަލޫރުގައި ބޭސްފަރުވާ ކުރާތީވެ، އޭނާގެ އަރިހަށް ޒިޔާރަތްކުރުމަށް ބެންގަލޫރަށް ދިޔުމަށް އެއާޕޯޓަށްގޮސް ޗެކިންކުރުމަށްފަހު އިމިގްރޭޝަންގެ މަރުހާލާ ނިންމަން ދިޔުމުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ ނުފުރޭނެކަން އެންގި ކަމަށެވެ.
އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއް އިމިގްރޭޝަނަށް ފޮނުވާފައިވާކަން އިމިގްރޭޝަން އޮފިސަރުން އެންގި ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މިއަހަރުގެ މާރިޗު މަހުގެ އަށް ވަނަ ދުވަހުގެ ފަހުން އެކި ފަހަރުމަތިން ފުލުހުންގެ އިދާރާއަށް އެކި ތުހުމަތު ތަކުގައި އޭނާ ވަނީ ހާޒިރުކޮށްފައި ކަމަށެވެ. މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން 28 އޭޕްރީލްގެ ނިޔަލަށް ޕާސްޕޯޓް ހިފެހެއްޓި ކަމުގެ ކޯޓު އަމުރެއް މީގެކުރިން ފުލުހުން އޭނާއަށް ދީފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.
އެ އަމުރުގެ މުއްދަތު ހަމަވެފައިވާއިރު، އެފަދަ އަމުރެއް ވާނަމަ އެކަން އޭނައަށް އަންގާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.
އޭނާގެ އެއްވެސް މައްސަލައެއް ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި މިހާރު ކުރިޔަށް ގެންދާ ނަމަ، އެމައްސަލައެއް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ފިޔަވަޅެއް އަޅާނަމަ އެފިޔަވަޅެއްވެސް ވީހާވެސް އަވަހަކަށް އަޅައިދިނުމަށް ފާރިސް ވަނީ އެދިވަޑައިގެންފައެވެ.