14 May 2017, 14:18
ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނި "" (ބީސީސީ)ގެ ބޯޑު އެކުލަވާލައި، އެ ކުންފުނި ރެޖިސްޓްރީކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، މެއި 10 ވަނަ ދުވަހު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެއާ އެކު، އެކުންފުނީގެ ބޯޑުގެ މެމްބަރުންގެ ނަންތައް ވެސް ނިޒާރު ޓްވީޓު ކުރެއްވިއެވެ.
ބީސީސީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ސޯލިހު ހުސައިނެވެ. ސޯލިހަކީ އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރެކެވެ.
މެނޭޖިންގް ޑިރެކްޓަރުކަމަށް ހަމަޖެއްސީ ބިޒްނަސް ސެންޓަރ މާލޭގެ ވެލިއު ޗެއިން އެންޑް ކެޕޭސިޓީ ބިލްޑިންގް ސްޕެޝަލިސްޓެއްގެ ގޮތުގައި ހުންނެވި އަހްމަދު މުމްތާޒެވެ.
މީގެ އިތުރުން، ބޯޑުގެ ތިން ޑިރެކްޓަރުންގެ ގޮތުގައި ހަމަޖެހިގެން ދިޔައީ ސްޕެޝަލް އިކޮނޮމިކް ޒޯންސް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އިންވެސްޓަރ ރިލޭޝަންސް ސާދާ މުހައްމަދާއި، ހަސަން މިރާސް އަދި އަލީ ނާޝިދެވެ.
ބީސީސީ އުފެއްދީ 50 މިލިޔަން ރުފިޔާގެ ރައުސްމާލަކާ އެކުއެވެ.
ބީސީސީއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބީސީސީގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ހަމަޖެހިގެން ދިޔަ ީ ކުންފުނި އުފެއްދުމުގެ ބޭނުމަކީ ބިސްނަޒް ސެންޓަރުތަކުން މީގެ ކުރިން ކުރަމުން ދިޔަ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުން ކަމަށެވެ.
މުމްތާޒް ވިދާޅުވި ގޮތުގައި، ބިޒްނަސް ސެންޓަރުތަކުން ދޭ ޚިދުމަތްތަކުގެ އިތުރުން، ހުޅުމާލޭގައި ތަރައްގީކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުނެ އިންޑަސްޓްރިއަލް ޕާކު (އެސްއެމްއީ ޕާކު) ހެދުމުގެ މަސައްކަތްވެސް ދެން ކުރާނީ ބީސީސީގެ ދަށުންނެވެ.
"ފަސްހާސް އަކަފޫޓުގެ އެ ބިމުގައި ވަރަށް ގިނަ މަސައްކަތްތައް ފެށިގެން ދާނެ. މިސާލަކަށް މެކަނައިޒްޑްކޮށް، ބަލްކްކޮށް އެއްޗެހި އުފެއްދުމާއި، ޕެކޭޖިންގް ސެންޓަރެއް ހެދުމާއި، އަދި ކުދި ވިޔަފާރިތަކަށް އޮފީސް ސްޕޭސްތައް ލިބޭނެ ގޮތް ހެދުން. މާލޭ ބިޒްނަސް ސެންޓަރުވެސް އެތަނުގައި ގާއިމުކުރާނީ،"
ރާއްޖޭގެ ހަތް ހިސާބެއްގައި ދަނީ ބިޒްނަސް ސެންޓަރު ހިންގައެވެ.
އެއީ މާލޭގައި ހުންނަ ބިޒްނަސް ސެންޓަރުގެ އިތުރުން ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ބިޒްނަސް ސެންޓަރެވެ.
މި ބިޒްނަސް ސެންޓަރުތަކުން ދަނީ، އެ ސެންޓަރެއް ހުންނަ ސަރަހައްދުގެ ރަށްރަށުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކި ކަހަލަ އެހީތައް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ވިޔަފާރިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވޯކްޝޮޕްތައް އެފަރާތްތަކަށް ހިންގައިދެއެވެ.