14 May 2017, 12:46
ބޭންކް އޮފް މޯލްޑިވްސްގެ 2016 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް އެ ބޭންކުގެ ރީޓެއިލް ބޭންކިންގް ޑިވެލޮޕްމެންޓް މެނޭޖަރ ބަދުރުއްދީން ހަސަން ހޮވިއްޖެއެވެ.
ބީއެމްއެލްއިން ރޭ ވަނީ، އެ ބޭންކުގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުން ފާހަގަކޮށް، އެ މުވައްޒަފުންގެ އަގު ވަޒަން ކޮށްފައެވެ.
ބޭންކުން ބުނި ގޮތުގައި 2016 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔާކަމަށް ބަދުރުއްދީން ހަސަން ހޮވުނު އިރު، ބެސްޓް ލީޑަރ އެވޯޑު ހޯދީ ކާޑް ސާވިސަސްގެ ހެޑް އަބްދުލްއަލީމް އަބްދުލްޣަފޫރެވެ.
ސީއީއޯ އެވޯޑު ފޯރ އައުޓްސްޓޭންޑިންގް އެވޯޑު، ދިލްމާ އަހްމަދާއި އިބްރާހިމް މުހައްމަދު ރަޝީދު ހޯދި އިރު، ބީއެމްއެލްގައި 28 އަހަރު ޚިދުމަތް ކުރުމަށްފަހު ވަޒީފާއިން ރިޓަޔާ ކުރައްވާ މުވައްޒަފު ހިދާޔާ އަހްމަދަށް ވަނީ ސްޕެޝަލް ލައިފްޓައިމް އެޗީވްމެންޓް އެވޯޑުވެސް ދީފައެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް މިވަގުތު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި، އެ ހާލަތަށް ބޭންކު ގެނެސްދިނުމުގެ ފަހަތުގައި ތިބި މުވައްޒަފުންނަށް ޝުކުރު އަދާކުރުމަށް ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.