އިންޑިއާގައި ދިން ޝޯއަށްފަހު ކުއްލި ގޮތަކަށް "ސިއްރުން" ރާއްޖެ އައިސް ކުރު ޗުއްޓީއެއް ހޭދަކުރުމަށްފަހު، ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބަރ ރާއްޖެއިން ފުރައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ މުމްބާއީއަށް ޖަސްޓިން ދިޔަ އިރު، ބުދަ ދުވަހުގެ ރޭ އޭނާ ވަނީ މުމްބާއީގައި އޭނާގެ "ޕާރޕަސް" ޓުއާގެ ދަށުން ޝޯއެއް ދީފައެވެ. އަދި އެރޭ ޝޯއަށް ފަހު ކުއްލި ގޮތަކަށް، އެއްވެސް މީހަކަށް ނާންގައި އޭނާ އިންޑިއާއިން ފުރައިގެން އައީ ރާއްޖެއަށެވެ.

ބުރާސްފަތި ދުވަހުގެ ދަންވަރު 1:00 ހާއިރު ޖަސްޓިން ރާއްޖެ އައި އިރު، އޭނާ ވަނީ މިއަދު ރާއްޖެއިން ފުރައިފައެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ސަން"އަށް ބުނި ގޮތުގައި، މިއަދު ހެނދުނު 10:00 ގައި ޖަސްޓިން އޭނާގެ ޕްރައިވެޓް ޖެޓުގައި ފުރީ ދެކުނު އެފްރިކާއަށެވެ. ދެކުނު އެފްރިކާގައި ވެސް އޮތީ "ޕާރޕަސް" ޓުއާގެ ޝޯއެއް ދިނުމެވެ.

ޖަސްޓިން ރާއްޖެ އައިކަން އޭނާއާ ސީދާ ގުޅުން ހުރި އެއްވެސް ރަސްމީ ފަރާތަކުން ހާމައެއް ނުކުރެއެވެ. އަދި ޖަސްޓިންގެ އެއްވެސް ސޯޝަލް މީޑިއާއެއްގައި ވެސް، ރާއްޖެއާ ބެހޭ އެއްވެސް އެއްޗެއް ލިޔެ، ނުވަތަ ޕޯސްޓު ކޮށްފައެއް ނުވެއެވެ.

"ސަން"އަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނި ގޮތުގައި، ޖަސްޓިން އޭނާގެ ކުރު، ސިއްރު ޗުއްޓީ ހޭދަކުރީ ބ. އަތޮޅުގައި ހިންގާ ފޯ ސީޒަންސް ލަނޑާ ގިރާވަރު ރިސޯޓުގައެވެ.