14 May 2017, 10:33
ޕީއެސްއެމް އިން ކުރިއަށްގެން ދިޔަ މޯލްޑިވިއަން އައިޑޮލް ޝޯގެ ގަދަ ތިނެއްގައި ހިމެނުނު ތިން ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ގަދަ ތިނެއްގައި ހިމެނުނު ތިން ބައިވެރިންނަށް ރައީސް ތަހުނިޔާ އަދާކުރެއްވީ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓުވީޓެއްގަ އެވެ.
"މޯލްޑިވިއަންއައިޑޮލް2 ކާމިޔާބު ކުރެއްވި ތަސްނީމް އަހުމަދު (ބޮބް) އަށާއި 2 ވަނަ، 3 ވަނަ ހާސިލުކުރެއްވި ފަރާތްތަކަށް ރައީސް ތަހުނިޔާ ދަންނަވާ،" މުއާޒުގެ ޓުވީޓުގައިވެ އެވެ.
ރައީސް ވިދާޅުވި ކަމަށް ވިދާޅުވެ މުއާޒު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، ޒުވާނުންގެ ހުނަރުވެރިކަން ސަރުކާރުން އަބަދު ވެސް ބަލައިގަންނަ ކަމަށެވެ. އަދި ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ކާމިޔާބުކޮށްފައި ވަނީ އަހުމަދު ތަސްނީމެވެ. ދެވަނަ ހޯދާފައި ވަނީ ހަމޫދު އަހުމަދެވެ. ތިން ވަނަ ހޯދާފައި ވަނީ ޝަމްވީލު މުހައްމަދެވެ.
މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރި ތަސްނީމަށް ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން 250،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާ އިރު، އޭޝިއަން ބްރޯޑްކާސްޓިންގް ޔޫނިއަން (އޭބީޔޫ)ގެ ޓީވީ ސޯންގް ފެސްޓިވަލްގައި ޕަފޯމް ކުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.