14 May 2017, 10:27
ބާމިންގްހަމް ލޭޑީސް ބަލިކޮށް، މެންޗެސްޓާ ސިޓީ ވިމެންސް ފުޓްބޯލް ކްލަބުން ވިމެންސް އެފްއޭ ކަޕް ކާމިޔާބުކޮށްފި އެވެ.
ވެމްބްލީ ސިޓީގައި ރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލް މެޗުގައި ބާމިންގްހަމްގެ މައްޗަށް ސިޓީ ކުރި ހޯދާފައި ވަނީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ވިމެންސް އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ވިމެންސް ފުޓްބޯލް ކްލަބާއި ބާމިންގްހަމް ލޭޑީސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގައި ސިޓީއަށް ލޫސީ ބްރޮންޒް ލީޑު ނަގައިދިންއިރު، އޭނާގެ ހުރަހަކުން ސިޓީއަށް ލީޑު ފުޅާކޮށްދިނީ އިޒީ ކްރިސްޓިއަންސެން އެވެ. މެޗުގެ ފުރަތަމަ 15 މިނެޓް ހަމަވުމުގެ ކުރިން 3-0ގެ ނަތީޖާއަށް ބަދަލުކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ކާލީ ލޯއީޑް އެވެ.
ބާމިންގްހަމްއަށް ޗާލީ ވެލިންގްސްގެ ލަނޑާ އެކު އެޓީމަށް އުންމީދެއް އާވެގެން ދިޔަ ނަމަވެސް، ޖިލް ސްކޮޓް ވަނީ ސިޓީއަށް އަލުން ލީޑު ފުޅާކޮށްދީފަ އެވެ.

ވިމެންސް އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ވިމެންސް ފުޓްބޯލް ކްލަބާއި ބާމިންގްހަމް ލޭޑީސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 4-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ސިޓީން ވަނީ ނުވަ މަސް ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ތިން މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. ސިޓީން ވަނީ 2016 ވަނަ އަހަރުގެ އެފްއޭ ވިމެންސް ސުޕަ ލީގު އަދި ކޮންޓިނެންޓަލް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި އެޓީމަށް މި އަހަރުގެ ސްޕްރިންގް ސީރީސް ކާމިޔާބުކުރެވިއްޖެ ނަމަ، ނުވަ މަސް ދުވަހުގެ ތެރޭގައި ހަތަރު ވަނަ ތަށި ލިބިގެންދާނެ އެވެ.
ސިޓީއަށް 2014 ވަނަ އަހަރަށް ފަހު ތަށްޓެއް ހޯދިފައިނުވި ނަމަވެސް، މިދިޔަ އަހަރުން ފެށިގެން އެޓީމު ފެނިގެންދަނީ އިނގިރޭސިވިލާތުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ޓީމުގެ ގޮތުގަ އެވެ.