ގާހިރާ (މޭ 14) : އެމެރިކާ އިން އަރަބި އިސްލާމީ ބައެއްގައުމުތަކާ އެކު އެލަޔަންސެއް އުފެއްދުމަށް ޓަކައި މިމަހުގެ 21 ވަނަ ދުވަހު ސައޫދީގައި ބާއްވާ އަރަބި އިސްލާމީ އަދި އެމެރިކާގެ ސަމިޓަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއަށް ސައޫދީ ރަސްގެފާނު ދައުވަތު އަރުވައިފި އެވެ.

މިދައުވަތު މިސްރުގެ ރައީސް އަށް އެރުވީ މިސްރަށް ވަޑައިގެންއުޅުއްވާ ސައޫދީ މަދަނީ ޚިދްމަތްތަކާ ބެހޭ ވަޒީރު ޢިސާމް ބިން ސައީދު އެވެ. މިސްރުގެ ރިޔާސަތުން ވަނީ މިދައުވަތު ސީސީ ގަބޫލުކުރައްވައި އަރަބި އިސްލާމީ އަދި އެމެރިކާގެ ސަމިޓަށް ސީސީ ވަޑައިގަންނަވާނެކަން ހާމަކޮށްފަ އެވެ. ސައޫދީ ރަސްކަމުގެ ދީވާނުން ބުނާ ގޮތުގައި މިސަމިޓްގައި ސައޫދީ ރަސްގެފާނާ އެކު އަރަބި އިސްލާމީ ސަތާރަ ގައުމެއްގެ އިސްވެރިން ނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ސައޫދީ ރަސްގެފާނު ބާއްވައިދޭ މިސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި ސޫރިޔާއާއި އީރާނާދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އަރަބި އިސްލާމީ ގައުމުތައް އެލަންސެއްގެ ގޮތުގައި ނުކުތުން ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.

މުސްލިމުންގެ މުގައްދަސް ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ އާއި ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ ޔަހޫދީ ޒަޔަނިސްޓް އިސްރާއީލަށް ހުރިހާ ގޮތަކުން ވާގިވެރިވާ ގައުމަކީ އެމެރިކާ ކަމަށްވާއިރު އިސްރާއީލާދެކޮޅަށް ނުނުކުމެ މަޛްހަބީ ގޮތުން ސައޫދީ އާ ޚިލާފްތަކެއް އޮންނަ އިސްލާމީ ދެގައުމު ކަމަށްވާ ސޫރިޔާއާއި އީރާނާ ދެކޮޅަށް މަދުއަދަދެއްގެ އަރަބި އިސްލާމީ ގައުމުތަކެއް ގުޅިގެން އެލަޔަންސެއް ހަދައިގެން އެދެގައުމަށް ބިރު ދައްކަން އެމެރިކާ ތެދުވާ ސަބަބެއް ވައިޓް ހައުސް އިން ހާމައެއް ނުކުރެ އެވެ.

އެމެރިކާ އިން ސައޫދީ މެދުވެރިކޮށްގެން އަރަބި އިސްލާމީ ބައެއްގައުމުތަކާ އެކު ހަދާ އެލަޔަންސްގައި ބައިވެރިވާނީ ސަތާރަ ގައުމުކަމަށްވާ އިރު މީގެ ތެރޭގައި އެމެރިކާ އަށް ބަރޯސާވާ ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ފަސް ގައުމު ހިމެނެ އެވެ. އެއީ ސައޫދީގެ އިތުރުން ކުވައިތު، ޔޫއޭއީ، ގަތަރު، އަދި ބަޙްރައިން އެވެ. އުމާނަކީ އަރަބި އިސްލާމީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ސުލްޙަވެރި ގައުމެކެވެ.

އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ގުދްސުގެ މައްސަލައާއި ފަލަސްތީނުގެ މައްސަލައާއި އިސްލާމީ އެތައް ގައުމެއްގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކާއި މިޔަންމާގެ ރޮހިންޔާ މުސްލިމުގެ މައްސަލަ ހިމެނޭއިރު އަރަބި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާ އެކު ޓްރަމްޕް ބާއްވާ ސަމިޓްގެ އެޖެންޑާގައި މިއިން އެއްވެސް މައްސަލައެއް ހިމެނިފައެއް ނުވެ އެވެ.

އަރަބި އިސްލާމީ އަދި އެމެރިކާގެ ސަމިޓެއް، ސައޫދީގެ ބެލުމުގެ ދަށުން ރިޔާޒްގައި ބާއްވާކަން ސައޫދީ ޚާރިޖީ ވަޒީރު އިއްލާން މި ކުރެއްވީ އިސްލާމީ، ނަސާރާ (މަސީހީ) އަދި ޔަހޫދީ ކޯލިޝަނެއް އުފެއްދުމަށް ޓަކައި ސައޫދީއަށް ވަޑައިގަތުމަށް ޓްރަމްޕް ނިންމެވިކަން މިދިޔަ ހަފްތާގައި ޓްރަމްޕް އިޢްލާންކުރައްވާފައި ވަނިކޮށެވެ. މިކަމާ ބެހޭ ރަމްޒީ ލިޔުމެއްގައި ވައިޓް ހައުސްގެ ރޯޒް ގާޑްންގައި ޓްރަމްޕް ވަނީ އެމެރިކާ ބޭނުންވާ ގޮތަށް އިސްލާމީ އުސޫލުތައް ތަފްސީރުކުރާ ބާވަތުގެ އިސްލާމީ އިލްމުވެރިންގެ އިތުރުން ނަސާރާ ފާދިރީންނާއި ޔަހޫދީންގެ ހިބްރުން (ރައްބީން) ބައިވެރިވި އެވެ.

ޓްރަމްޕަކީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރުމުގެ އިތުރުން އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ފާޅުގައި ވާހަކަ ދައްކަވާ އިސްލާމް ދީނާ ދުޝްމަން ބޭފުޅެކެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއަށް އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ރިޔާސީ ގަރާރެއް ވެސް ނެރުއްވާފަ އެވެ.

ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ކަމަށްބުނެ ސައޫދީ އަރަބިޔާއާއި އިސްރާއީލު ހިމެނޭގޮތަށް އެލަޔަންސެއް އެކުލަވާލުމުގެ ވާހަކަ ޓްރަމްޕް އިޢްލާން ކުރެއްވި ނަމަވެސް އަރަބި އިސްލާމީ އުންމަތުން އެމެރިކާއާ އެކު ހަދާ އެލަޔަންސްގައި އިސްރާއީލު ބައިވެރިވާކަން ނުވަތަ ނޫންކަން ސައޫދީން ހާމަކޮށްފައެއް ނުވެ އެވެ.

އިސްލާމީ ނަސާރާ އަދި ޔަހޫދީ ކޯލިޝަނެއް ޓެރަރިޒަމާ ދެކޮޅަށް އުފެއްދުމަށް ޓަކައި ސައޫދީ އަށް ފަހު ޓްރަމްޕް ދެން ޒިޔާރަތް ކުރައްވާނީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަންކަމަށްވާ އިސްރާއީލަށެވެ. އެއަށް ފަހު ނަސާރާއިންގެ އިސްފާދިރީ ހުންނަވާ ރަށްކަމަށްވާ ވެޓިކަން އަށެވެ.

އަނެއްކޮޅުން ޓްރަމްޕް ސައޫދީ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެމެރިކާ އިން ވަނީ 100 ބިލިޔަން ޑޮލަރުގެ ހަތިޔާރު ސައޫދީ އަށް ވިއްކުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ސައޫދީންނަށް ބާރުއަޅަމުންނެވެ. މިކަމަށް ސައޫދީން މިހާރު އެއްބަސްވެފައިވާ ކަމަށް ވައިޓްހައުސް އިން ހުކުރު ދުވަހު ބުނެފައިވެ އެވެ.

އެމެރިކާގެ ސިޔާސަތު ބިނާވެފައި ވަނީ އީރާނަކީ ބިރެއް ކަމަށް ދައްކައި ސައޫދީ އަށް ހަމްދަރްދީ ފާޅުކޮށްގެން އެމެރިކާގެ ހަތިޔާރުތައް ސައޫދީ އަށާއި ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކަށް ވިއްކައިގެން އެއިން މަލްޓި ބިލިޔަން ޑޮލަރުގެ ނަފާ ހޯދުމުގެ މައްޗަށެވެ. (ނޫސްއެޖެންސީތައް)