14 May 2017, 09:48
ގދ. ފިޔޯރީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި އޭގައި ހުރި ހުރިހާ ފައިސާއެއް ވަގަށް ނަގައިފި އެވެ.
'ސަން'އާ ވާހަކަ ދައްކަމުން ފިޔޯރީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަހުމަދު އަޝްފާގު ވިދާޅުވީ ތިޖުރީ ފަޅާލިކަން އެނގުނީ އިއްޔެ އޮފީސް ހުޅުވުމުން ކަމަށާއި ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.
"ކުޑަ ދޮރުގެ ތޭރިއެއް ހަލާކުކޮށްލައިގެން ވަދެފައި ހުރީ. ތިޖޫރީގައި ހުރި ފައިސާގެ އިތުރުން އިތުރު އެއްޗެއް ގެއްލިފައިވާކަން ފާހަގަވެފައި ނުވޭ،" އޭނާ ވިދާޅުވި އެވެ.
އަޝްފާގު ވިދާޅުވީ ތިޖޫރީގައި 12،000 ނޫނީ 13،000 ރުފިޔާ ހުންނާނެ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ރޭ ފުލުހުންގެ ފޮރެންސިކް ޓީމެއް ކައުންސިލް އިދާރާއަށް އައިސް އެ ތަން ބަލާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފިިޔޯރީ ކައުންސިލްގެ ތިޖޫރީ ފަޅާލައިގެން އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.