އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެސްޓާގެ މައްޗަށް ސިޓީ ކުރި ހޯދާފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީން މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ނަތީޖާއާ އެކު ކުޅުނު 36 މެޗުން ސިޓީން ވަނީ 72 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރުވަނާގައި އޮތް ލިވަޕޫލަށް 36 މެޗުން 70 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނާގައި އޮތް ސިޓީއާއި ދެވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އޮތް އިރު، ޓޮޓެންހަމް އިން ލީގުގައި މިހާތަނަށް ކުޅެފައި ވަނީ 35 މެޗެވެ. ރޭގެ މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 36 މެޗުން ލިބުނު 43 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގަ އެވެ.

ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައި ވަނީ ސިޓީންނެވެ. އެ މެޗުގެ 29 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ދިން ބޯޅައަކުން ސިޓީއަށް ލީޑު ހޯދައިދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ސިޓީން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާކޮށްފަ އެވެ. ސިޓީއަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ލެސްޓާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސާނޭ އަށް ޔޯހާން ބެނަލޫއާނޭ ކުރި ފައުލަކާ ގުޅިގެންނެވެ. ސިޓީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީން މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ލެސްޓާ އިން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ސިޓީން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފަ އެވެ. މާކް އޯލްބްރައިޓަން ނަގައިދިން ހުރަހަކުން ލެސްޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާން ފޯވަޑް ޝިންޖީ އޮކަޒާކީ އެވެ.

ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރިޔާދް މަހްރޭޒްއަށް ގާލް ކްލިޗީ ކުރި ފައުލާ ގުޅިގެން ލެސްޓާއަށް މެޗުގެ 77 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ސިޓީގެ ގޯލުގެ ތެރެއަށް މަހްރޭޒް ޕެނަލްޓީ ފޮނުވާލި ނަމަވެސް، އޭނާގެ ދެ ފައިގައި ބޯޅަ ޖެހިފައިވުމުން އެ ޕެނަލްޓީއަކީ ގޯލެއް ކަމަށް ރެފްރީ ބަލައިފައެއް ނުވެ އެވެ. މަހްރޭޒްގެ ދެ ފައިގައި ބޯޅަ ޖެހިފައި ވަނީ ޕެނަލްޓީ ފޮނުވާލި އިރު، އޭނާ ކައްސާލުމާ ގުޅިގެންނެވެ.