ދެހާސް ފަސް ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ކޮމެޑީ ފިލްމު 'ނޯ އެންޓްރީ'ގެ ދެވަނަ ބައި، 'ނޯ އެންޓްރީ މޭ އެންޓްރީ' އަށް ސަލްމާން ޚާން ނޫނެކޭ ބުނެފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ފިލްމުގެ ސީކުއެލް 'ނޯ އެންޓްރީ މޭ އެންޓްރީ'ގެ މަސައްކަތް ފަށާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ބުނެފައި ވަނީ ފިލްމުގެ އޮރިޖިނަލް ކާސްޓު ވެސް ހިމަނައިގެންނެވެ.

އަދި ފިލްމުގެ ލީޑުން ފެނިގެން ދިޔަ ސަލްމާން ޚާން އަށް ފިލްމުގެ ސްކްރިޕްޓު ވެސް ކަމުދިޔަ ކަމަށް އޭރު އަނީސް ވަނީ ބުނެފަ އެވެ.

ނަމަވެސް ޚަބަރުތައް ބުނާ ގޮތުން ސަލްމާން ވަނީ މިހާރު ފިލްމު ދޫކޮށްލައިފަ އެވެ. އަދި ސަލްމާންގެ ބަދަލުގައި ފިލްމުން ފެނިގެން ދާނީ ހުނަރުވެރި އެކްޓަރު ރިތިކް ރޯޝަން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަނީސް އާއި ރިތިކް ވަނީ މިދިޔަ ހަފްތާގައި ގިނަ ބައްދަލުވުންތަކެއް އެކީގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި ރިތިކަށް މިހާރު ސްކްރިޕްޓު ކިޔާދީފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ބޯނީ ކަޕޫރު ޕްރޮޑިއުސް ކުރާ އެ ފިލްމުގެ ލީދު އެކްޓަރުން ފެނިގެން ދާނީ ޑަބަލް ރޯލުންނެވެ.

ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނި ނަމަވެސް، އަދި މަސައްކަތް ފަށާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.