14 May 2017, 09:12
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ކުރިއަށް ގެންދާ ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަން ކާމިޔާބުކުރި ފަރާތް އިއުލާނުކުރުމުގެ ޝޯ، ނުވަތަ "ގްރޭންޑް ފިނާލޭ" ބާއްވައި ނިންމާލައިފި އެވެ. މި ސީޒަންގެ މޯލްޑިވިއަން އައިޑަލަކަށް ހޮވުނީ ކ. މާފުއްޓަށް ނިސްބަތްވާ މުހައްމަދު ތަސްނީމު (ބޮބް) އެވެ.
މިފަހަރުގެ ގްރޭންޑް ފިނާލޭ ޝޯ ކުރިއަށް ގެންދިޔައީ، ރޭ ޓީވީއެމް ހުންނަ މުޅި ސަރަހައްދު ބަންދުކޮށް، ރެޑް ކާޕެޓު ހަރަކާތަކާއި "ގިނަ ބަޔަކާ"ވެސް އެކު އެވެ. ގަދަ ތިނަކަށް ދިޔަ ބައިވެރިންގެ ސަޕޯޓަރުންނާއި ގާތް ފަރާތްތަކުގެ އިތުރުން، ޚާއްސަ ބައެއް މެހެމާނުންނާ ވެސް އެކުގަ އެވެ. ޝޯ ހިނގަމުން ދިޔަ އިރު ޓީވީއެމާއި ޓީވީއެމް ސަރަހައްދުގައި ނެގި ފޯރިއެއް އެނގޭނީ އެތަނުގައި ތިބި ބަޔަކަށެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގެ ރެޑް ކާޕެޓް ސަރަހައްދުގައި ބައިވެރިއެއްގެ ސަޕޯޓާރުން --- ފޮޓޯ/ އަވަސް އޮންލައިން
އެހެން ނަމަވެސް ގޭގައި ޓީވީ ބަލައި، ޓުވީޓު ކުރަމުން ދިޔަ ބެލުންތެރީންނަށް ގްރޭންޑް ފިނާލޭގެ ގަދަ ފޯރި އިހުސާސެއް ނުކުރެވުނެވެ.
ރޭގެ ޝޯ ކުރިޔަށް ދިޔަ ގޮތަށް ބަލާއިރު، ޝޯ ފެށީ މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ހޯސްޓު ލަމްހާ ލަތީފްގެ ލަވައަކުންނެވެ. އެއަށް ފަހު މިދިޔަ ސީޒަންގެ ފަނޑިޔާރު އަހްމަދު އިބްރާހިމް (އައްމަޑޭ)ގެ ޕަފޯމަންސެއް ކުރިޔަށް ދިޔަ އެވެ.
ޝޯގައި ޕަފޯމްކުރި އިތުރު ފަރާތްތަކުގެ ތެރޭގައި ޝޯގެ ތިން ފަނޑިޔާރުން، މިދިޔަ ސީޒަންގެ ގަދަ ތިނެއް، ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް، އަބްދުއްސަމީއު، އަބްދުﷲ ޒައީމް އަދި ނިޝްފާ ނާޝިދު ހިމެނެ އެވެ.
ރޭގެ ޝޯގައި މި ސީޒަންގެ ގަދަ ތިން ބައިވެރިން، ނިޝްފާ ނާޝިދާ އެކު ލަވައެއް ހުށަހަޅަނީ -- ފޮޓޯ/ އަވަސް އޮންލައިން
ޓީވީއެމްއިން ވަގުތުން ދެއްކި ގްރޭންޑް ފިނާލޭގައި، އިކުއެޓިކް ވައިބު ބޭންޑުން ހަދިޔާކުރި ލަވައެއް، ޝޯގެ ގަދަ ތިން ބައިވެރިން މުހައްމަދު ތަސްނީމް، ހަމޫދު އަހްމަދު އަދި ޝަމްވީލް އިބްރާހިމް އެކުގައި ހުށަހަޅަން ފެށިތަނާހެން ލަވައިގެ ބަދަލުގައި އެހެން ވީޑިއޯއެއް އެޅުވި، ތިން ބައިވެރިންނަށް ކުއްލި ސިހުމާއި ހުއްޓުން އެރިި އެވެ.
"ލައިވްކޮށް" ކީ އެ ލަވައަށް ފަހު، ތިން ބައިވެރިންނަށް ނޭވާ ވެސް ނުލެވި އުޅެނިކޮށް މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއް ކާމިޔާބުކުރި ފަރާތް އިއުލާން ކުރަންވެއްޖެ އެވެ.
މިދިޔަ ސީޒަނެކޭ ވެސް އެއްފަދައިން، ޓައިޓަލް ވިނާގެ ނަން އިއުލާނުކޮށް، ހެލްތު މިނިސްޓަރުގެ އަތުން ޓްރޮފީ ދިނެވެ. ދެން ދެވަނަ އަދި ތިން ވަނަ އިއުލާނުކޮށް، ޓްރޮފީ ދިނެވެ. ޓްރޮފީއާއި ސްޕޮންސަރުން ހުށަހެޅި އިނާމުތައް ދީފައި، 11:30 ވެސް ނުވަނީސް ގްރޭންޑް ފިނާލޭ ނިންމާލައިފި އެވެ.
ގިނަ ބަޔަކު ތިބީ ޝޯގެ ގަދަ 10 ބައިވެރިން އެކުގައި ހުށަހަޅައިދޭ ހުށަހެޅުމެއް ބަލައިލުމުގެ ވެސް އުންމީދުގަ އެވެ. އެ އުންމީދު ދިޔައީ ފެނަށެވެ. ގަދަ 10 އެކުގައި ލަވަ ހުށަހަޅަނިކޮށް ރޭގައި ނުފެނެ އެވެ. ބަދަލުގައި ފެނުނީ ގަދަ 12ގެ ލަވަކިޔުންތެރިން، ލަވަތަކުގައި ބެކްއަޕް ސިންގަރުންގެ ގޮތުގައި ތިބި މަންޒަރެވެ.
ނުވިތާނގައި، ސީޒަން ދޭއް ކާމިޔާބުކުރުމަށް ފަހު ތަސްނީމުގެ ލަވައެއް ނުފެނުނު އިރު، އެންމެ ކުޑަމިނުން ތަސްނީމަށް އެވަގުތު ކުރެވުނު އިހުސާސް ވެސް ޝޯގައި އަހާލެވިފައެއް ނެތެވެ.
ރޭގެ ޝޯގައި މޯލްޑިވިއަން އައިޑަލް ސީޒަން ދޭއް ކާމިޔާބުކުރި ތަސްނީމް (ބޮބް)، ޒީރޯ ޑިގްރީ ނާޝިދަށް ހުށަހެޅި ޓްރިބިއުޓު ހުށަހެޅުމުގެ ތެރެއިން -- ފޮޓޯ/ އަވަސް އޮންލައިން
ނަމަވެސް މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުގެ ގްރޭންޑް ފިނާލޭ ވަރަށް ތަފާތެވެ. ފުރަތަމަ ސީޒަންގެ ގްރޭންޑް ފިނާލޭއަށް އިންޑިއާގެ ލަވަކިޔުންތެރިއަކު ގެނެސްފައިވާ އިރު، އެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެފަހަރުގެ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދު، ޓައިޓަލް ކާމިޔާބުކޮށް، ޝޯ ނިންމާލީ "އަކިރި ދެމޭ"އިން ބެލުންތެރިން ހިނިތުން ކޮށްލައިފަ އެވެ.
އެހެންކަމުން، މިފަހަރު ވަރަށް ފޯރިގަދަ، "ސަސްޕެންސް ވަރުގަދަ" ގްރޭންޑް ފިނާލޭ ޝޯއަކަށް އުންމީދުކޮށްގެން ތިބި ބެލުންތެރީންގެ ހިތްތައް ރޭގެ ޝޯއިން ބޭގަރާރުވީ އެވެ. ބެލުންތެރީން އެކަމުގައި ކުރި ޓްވީޓުތަކާއި ފާޅުކުރި ޚިޔާލުތަކުން ދޭހަވަނީ ހަމަގައިމު ވެސް އެކަމެވެ.
އެކަމާ ގުޅޭ ގޮތުން ޕަބްލިކް ސާވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ، އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓު މެނޭޖަރު އައިމިނަތު ޝާޔަން ޝާހިދުގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރީމެވެ. ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބުނެވެ.
އެހެން ނަމަވެސް ޝޯ ފެށުމުގެ ކުރިން މޯލްޑިވިއަން އައިޑަލްގެ ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށްފައިވާ ވީޑިއޯ އިންޓަވިއުއެއްގައި ޝާޔަން ވަނީ ރޭގެ ޝޯ ވަރަށް ޝައުގުވެރިވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
"މިރޭގެ ޝޯ ވަރަށް އެކްސައިޓިންގް ވާނެ. ވަރަށް ރީތި ހުށަހެޅުންތަކެއް، ޖަޖުން ވެސް، ކުދިން ވެސް އަދި މި އިންޑަސްޓްރީގައި ތިބި ފުންނާބު އުސް އާޓިސްޓުންގެ ވެސް، ފެނިގެން ދާނެ. އަދި ޚާއްސައައިޓަމުތަކެއް ވެސް އެކުލެވިގެން ދާނެ،
"މުޅި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެއްޗެއް ބުނަންޏާ، ސީޒަން ވަން އަށް ވުރެ ސީޒަން ޓޫ ހަމަ އެތައް އެތައް ގޮތަކުން މޮޅޭ، ފުރިހަމައޭ. ބައިވަރު ޗެލެންޖެސްތަކެއް ހުރި ސީޒަން ވަންއާ އަޅާ ބަލާއިރު. ބަޓް ވީ ހޭވް މެނޭޖްޑް ޓު އޯވަކަމް ދެޓް. އެއީ އަޅުގަނޑުމެންގެ ސަކްސެސްއަކީ ސީޒަން ޓޫގައި،" ޝާޔަން އެ ވީޑިއޯގައި ވިދާޅުވެ އެވެ.

އެލައިޑް އިންޝުއަރަންސްގެ އިޝްތިހާރުތަކުން ފެންނަ ނަހުޒާން އަހުމަދު ހުސެއިން (ނަހޫ) އާއި މޫސާ ވަސީމް، މޯލްޑިވިއަން އައިޑަލް ސްޓޭޖުމަތިން -- ޓްވިޓަރ ފޮޓޯ: މޫސާ ވަސީމް
ކޮންމެއަކަސް، ބެލުންތެރިންގެ ނަޒަރުގައި ވަރަށް "ވައި" ގްރޭންޑް ފިނާލޭއަކާ އެކު އައިޑަލްގެ ސީޒަން ދޭއް ނިންމާލާފައިވާ އިރު، ރޭގެ ޝޯގައި އެންމެންގެ މޫނަށް ހިނިތުންވުން ގެނުވައިދިނީ އެލައިޑް އިންޝުއަރަންސްގެ އިޝްތިހާރުތަކުން ފެންނަ ނަހުޒާން އަހުމަދު ހުސެއިން (ނަހޫ) ސްޓޭޖުމަތިން ފެނިގެން ދިއުމުންނެވެ. އެލައިޑުން ނަހުޒާނަށް ރޭ ވަނީ ކިޔެވުމާ ގުޅޭ ކަންކަމަށް ހޭދަކުރުމަށް 30،000 ރުފިޔާ ހަދިޔާ ކޮށްފަ އެވެ.
When u finally get@MoosaWaseem's number#MaldivianIdolpic.twitter.com/f5ct2B0cdS
— Haman