ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބޭއްވި އޭއެފްސީ "ސީ" ލައިސަންސް ކޯސް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އޭއެފްސީގެ އެހީތެރިކަމާ އެކު ކުރިއަށްގެން ދިޔަ އެ ކޯހުގައި 20 މީހަކު ބައިވެރިވި ނަމަވެސް ލައިސަންސް ލިބިފައި ވަނީ 19 ކޯޗަކަށެވެ.

އެފްއޭއެމް އިން ބުނީ ކޯހުގެ ބައިވެރިންނަށް ކިޔަވައިދީފައި ވަނީ ބޫޓާންގެ އެފްއޭގެ ޓެކްނިކަލް ޑައިރެކްޓަރު ކޮރްކޭ ނިމާއާއި ކޯޗު މުހައްމަދު ޝާޒްލީ ކަމަށެވެ. ޝާޒް އަކީ އޭއެފްސީ އޭ ލައިސަންސް އޮންނަ ހަމައެކަނި ރާއްޖޭގެ ކޯޗެވެ.

އޭއެފްސީ "ސީ" ލައިސަންސް ކޯހުގެ ތެރެއިން--ފޮޓޯ/އެފްއޭއެމް

މިފަހަރުގެ ކޯހުގައި ދަސްވެނިވެފައި ވަނީ އެންމެ އަންހެން ކޯޗެކެވެ. އަދި މިފަހަރުގެ ކޯހާ ގުޅޭ ގޮތުން އެފްއޭއެމް އިން ބުނީ ކޯސް ވަރަށް ކާމިޔާބުކަމަށާއި ކޯހުގެ ބައިވެރިންނަށް މުހިއްމު މައުލޫމާތުތަކާއި މުހިއްމު ހަރަކާތްތަކެއް ކުރިއަށްގެންދެވުނު ކަމަށެވެ.

އޭއެފްސީ "ސީ" ލައިސަންސް ކޯސް މިފަހަރު ކާމިޔާބުކަމާ އެކު ކުރިއަށްގެންދިޔަ އިރު މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް މީގެ އިތުރު ކޯހެއް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފަ އެވެ.