އަންހެނުން ވަޒީފާ އަދާކުރުމަކީ އަހްލާގީ މިންގަނޑު ދައްވުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ވިޔަފާރި އާއި މަސައްކަތްތެރިކަމުގެ ދާއިރާއިން އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ވިމެން އެންޓާޕްރިނިއާސް އެސޯސިއޭޝަން މޯލްޑިވްސް (ވިއަމް) އިން ދޭ ސުލްތާނާ ޝަރަފް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ރޭ ހޮޓެލް ޖެންގައި ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަމުން އާޒިމާ ވިދާޅުވީ އަންހެނުން ފިރިހެނުންނާ ވާދަކޮށް ކާމިޔާބު ހޯދުމަކީ މުޖުތަމައުގެ އެހެން އަންހެން ކަނބަލުން އެކަމުން ފިލާވަޅު ނަގައިގަންނާނެ ކަމެއް ކަމަށެވެ.

"އަންހެނުން މަސައްކަތްކުރުމަކީ އަންހެން ދަރިންނަށް ލިބޭނެ ހިތްވަރެއް، އަދި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީ ގާބިލް، ތައުލީމުގެ ފަންތީގައި ގުނާލެވޭ ބަޔަކަށް ވުމަކީ ފިރިހެން ދަރިންނަށް އަންހެނުންނަށް އިހްތިރާމު ކުރުމަށް ދަސްވާ ދަސްވުމެއް،" އާޒިމާ ވިދާޅުވި އެވެ.

އަންހެނުންނަށް ކުރާ ގޯނާ އަކީ އަންހެނުން ކުރިޔަށް ދިއުމަށް އެޅޭ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކު، އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ.

އަދި ރާއްޖޭގައި އަންހެނުންނަށް އަނިޔާ ކުރުން ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާ އިރު ވެސް ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމުން އެކަން ނުފެންނާތީ ސުވާލު އުފެދޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"ޖިންސީ އަނިޔާ ލިބޭ މީހަކަށް އިންސާފު ލިބުނުކަމުގައި ވިޔަސް އެއަނިޔާއަށް ފަހު އޭނާގެ ދިރިއުޅުމުން އޭގެ އަސަރު ނުކެނޑޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ޓަކައި މިކަން ހުއްޓުވުމުގެ މަސައްކަތް އެންމެން ގުޅިގެން ކުރަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި އެވެ.