13 May 2017, 16:24
މޯލްޑިވްސް ނާސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގެ ލޯގޯ މިއަދު އިފްތިތާހުކޮށްފި އެވެ.
މިއަދު ހެނދުނު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ނާސިންގް އެންޑް މިޑްވައިފަރީ ލޯގޯ އިފްތިތާހުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
"ނަރުހުންގެ ގަވާއިދުތަކާއި އުސޫލްތައް ލިޔާއިރު މުޖުތަމައުގެ ހާލަތަށް ބަލައި އެގޮތަށް ގަވާއިދުތައް ހެދުމަކީ މުހިންމު ކަމެއް،" އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އެ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި، ނަރުހުންނާއި މިޑްވައިފުންގެ މަސައްކަތުގެ ސުލޫކީ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި ނަރުހުންގެ މަސައްކަތުގެ ފެންވަރު ބަލައި ފިޔަވަޅު އެޅުމެވެ. އޭގެ އިތުރުން ނަރުހުންނާއި މިޑްވައިފުން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން ކައުންސިލް ގަބޫލުކުރާ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުން ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލްގެ ރައީސް އާސިޔާ އިބްރާހިމް ވިދާޅުވީ ނަރުހުންގެ ހިދުމަތް ވީހާ ވެސް ރަނގަޅަށް ފޯރުކޮށްދިނުމަށް އެ ކައުންސިލުން މެންބަރުންގެ އެއްބާރުލުމާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
އެ ކައުންސިލަކީ 1999 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ކައުންސިލެކެވެ. އަދި 2015 ވަނަ އަހަރު އެކައުންސިލް ވަނީ ގާނޫނެއްގެ ދަށުން ހިންގަން ފަށައިފަ އެވެ.