13 May 2017, 14:15
އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރާށެ ކިޔާފައި އޭނާގެ ސްޓައިލް ބަދަލު ނުކުރާނޭކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާ ބުނެފިއެވެ.
ސްޕެއިންގެ ބާސެލޯއާއާއި ޖަރުމަނުގެ ބަޔާން މިއުނިކުގައި ކާމިޔާބީތަކެއް ހޯދި ކޯޗު ގާޑިއޮލާއަށް ސިޓީއާ ހަވާލުވުމަށް ފަހު މި ސީޒަންގައި މާކަ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. އަދި ޕްރިމިއަ ލީގުގައި ވެސް އެޓީމު މިވަގުތު އޮތީ، ލީގުތާވަލުގެ ފަސްވަނައިގައި މިވަގުތު އޮތް އާސެނަލަށް ވުރެ އެންމެ ތިން ޕޮއިންޓު އިތުރަށް ލިބިގެން ތާވަލުގެ ތިން ވަނައިގައެވެ.
މިސީޒަން ވެގެންދާނީ، ގާޑިއޮލާގެ ކޯޗިން ކެރިއަރުގައިވެސް، ޓްރޮފީއަކާ ނުލައި ހުސްއަތާ ނިންމާލާ ފުރަތަމަ ސީޒަނަށެވެ.
ސްކައިސްޕޯޓްސްގެ ޕަންޑިޓް ގެރީ ނެވީލް، ވަނީ، ފިޒިކަލީ ވަރުގަދަ ޓީމަކާ ނުލައި، ގާޑިއޮލާއަށް ސިޓީއާއެކު ލީގު ކާމިޔާބުކުރެވިދާނެތޯ ބުނެ ސުވާލު އުފައްދައިފައެވެ. އަދި މިހާރު ގާޑިއޮލާ ގެންގުޅޭ އުކުޅުތައް ބަދަލުނުކޮށް ސިޓީއަށް ކާމިޔާބެއް ހޯދިދާނޭކަމަށް ގަބޫލު ނުކުރެވޭކަމަށް ބުނެވެސް ގެރީ ނެވިލް ވަނީ ގާޑިއޮލާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
"އަހަންނަށް ލިބޭނޭ އެންމެ ބޮޑު ބާރަަކަށް ވާނީ، އަހަރެން ބޭނުންވާ ސްޓައިލަށް ބޭނުންވާ ގޮތަށް ޓީމު ކުޅުން،" ގެރީ ނެވީލްގެ ފާޑުކިޔުމަށް ރައްދުދެމުން ގާޑިއޮލާ ބުންޏެވެ.
"އަހަރެން ބޭނުން ފިޒިކަލީ ވަރުގަދަ، އަދި ހަލުއި، ބޮލުން ޖަހަން ރަނގަޅު ކުޅުންތެރީން ހިމެނޭ ޓީމެއް. އެކަމަކު ކުޅެންޖެހޭނީ ހަމަ އަހަރެން ބޭނުންވާ ގޮތަށް.
"ގެރީ ނެވިލް ކުޅުނީ އިންގްލެންޑުގައި. އެހެން ގައުމެއްގައި އޭނާ ނުކުޅޭ، އެހެންކަމުން އެގޮތަށް އަޅައިކިޔާކަށް ނޭނގޭނެ. އަހަރެން ވާހަކަ މިދައްކަނީ، ޖަރުމަނުފަދަ ފިޒިކަލް ކުޅުން ނުކުޅޭ ގައުމުތައް މިސާލަކަށް ނަގައިގެނެއް ނޫން.... މިސާލަކަށް ސްޕެއިނުން އެތުލެޓިކޯ މެޑްރިޑް، އަހަރެން ނުބުނަން އެމީހުން ފިޒިލަލް ނޫނެކޭ.
"މިތާނގަ ކުޅޭއިރު ވަރަށް ބޮޑަށް ފިޒިކަލް، އަދި އެގޮތަށް ކުޅުންވެސް ހުއްދަކުރޭ. އެއީ އަހަންނަށް ފާހަގަކުރެވުނު ހަމައެކަނި ތަފާތަކީ. މި ކުޅިވަރުގައި ތިބޭނީ ކޮޅަކަށް 11 ކުޅުންތެރީން. ފުޓްބޯޅަ ކުޅޭނީ އެންމެ ބޯޅައަކުން، ދެން އެބައެއްގެ ހުރި ފެންވަރަކުން. ވިސްނުމުގެ ބޭނުން ބޮޑަށް ބޭނުންކުރި ވަރަކަށް މެޗުން މޮޅުވުމުގެ ފުރުސަތުވެސް ބޮޑުވާނެ."