ރޯދަ މަސް ފެށޭ އިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، ޕޭލީވްގައި އަދި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް، ނުދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އަންގާރަ ދުވަހު ސަރުކާރުގެ އޮފީސްތަކަށް ފޮނުވިސާކިއުލާގައި ބުނެފައި ވަނީ މި އަހަރުގެ ރޯދަ މަހުގެ އެލަވަންސް ދޭން ހަމަޖައްސާފައި ވަނީ މެއި މަހުގެ މުސާރައާ އެކުގައި ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އެލެވެންސުގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ދޭން ޖެހެ އެވެ. އަދަދެއްގެ ގޮތުގައި ގާނޫނުގައި ބުނެފައި ވަނީ 3000 ރުފިޔާ ކަމަށެވެ.

މީގެ ކުރިން ވެސް ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް އެއްވެސް އެލަވަންސެއް ނުދެ އެވެ. ނަމަވެސް އެފަދަ ލީވެއްގައި ހުރުމަށް ފަހު ރޯދަ މަހުގެ މެދު ތެރޭގައި އެނބުރި ވަޒީފާއަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް ފައިސާ ދިނުމަށް ފިނޭންސުން ވަނީ އަންގައިފަ އެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނެ ކަމަށް ލަފާކޮށްފައިވާ މީލާދީ ތާރީޚަކީ މިމަހުގެ 27 ވަނަ ދުވަހު އެވެ.