13 May 2017, 09:23
މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ބައްޕަ، ފަސޫ އެންޓޮއިން ޕޮގްބާ މަރުވެއްޖެ އެވެ.
ޕޮގްބާގެ ބައްޕަ މަރުވެފައި ވަނީ އޭނާގެ އުމުރުން 79 އަހަރުގަ އެވެ. ޕޮގްބާގެ ބައްޕަ މަރުވެފައިވާކަން އޭނާގެ އާއިލާއިން ވެސް ވަނީ ބައެއް ނޫސްތަކަށް ކަށަވަރުކޮށްދީފަ އެވެ. ހަބަރުތައް ބުނާގޮތުގައި، ޕޮގްބާގެ ބައްޕަ މަރުވެފައި ވަނީ ބަލިވެ އުޅުމަށްފަހު އެވެ.
މިދިޔަ މާޗު މަހުގެ ފަހުކޮޅު ޕޮގްބާ ވަނީ އޭނާގެ ބައްޕަގެ އުފަންދުވަހުގެ ކޭކާ އެކު ހޮސްޕިޓަލުގައި ފޮޓޯއެއް ނަގައި، އިންސްޓަގްރާމްކޮށްފަ އެވެ. އެ ފޮޓޯއާ އެކު ޕޮގްބާ ލިޔުނު މެސެޖުގައި ވަނީ "ބައްޕައަށް އުފާވެރި އުފަން ދުވަހަކަށް އެދެން، ބައްޕަގެ ދަރިއަކަށްވުމުން އުފާކުރަން،" ކަމަށެވެ.

ޕޮގްބާގެ ބައްޕައާ އެކު އޭނާގެ ބޭބެއިން ކަމަށްވާ މެތިއަސްއާއި ފްލޮރެންޓިން، ޔޫރޯ 2016ގެ މެޗެއްގައި ޕޮގްބާއަށް ސަޕޯޓްކުރުމަށް ދަނޑުގައި: ޕޮގްބާގެ ބައްޕަ މަރުވީ އުމުރުން 79 އަހަރުގައި --- ފޮޓޯ: ގެޓީ
މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ޕޮގްބާގެ ބޭބެއިން ކަމަށްވާ ފްލޮރެންޓިން ޕޮގްބާ އަދި މެތިއަސް ޕޮގްބާއާ އެކު މެޗެއްގައި ޕައުލް ޕޮގްބާއަށް ސަޕޯޓްކުރުމަށް ދަނޑުގައި ހުއްޓާ ފެނިގެންދިޔަ އެވެ.
ޕޮގްބާގެ ބޭބޭއިންނަކީ ވެސް ފުޓްބޯޅަ ކުޅުންތެރިންނެވެ. ޑިފެންޑަރެއްގެ މަގާމަށް ކުޅެމުންދާ ފްލޮރެންޓިން ފްރާންސްގެ ސެއިންޓް އެޓިއެންއަށް ކުޅެމުންދާއިރު، ފޯވަޑެއްގެ މަގާމަށް ކުޅެމުންދާ މެތިއަސް ކުޅެމުންދަނީ ނެދަލެންޑްސްގެ ސްޕާޓާ ރޮޓެޑަމްއަށެވެ.