13 May 2017, 02:50
އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމް ބަލިކޮށް، ޗެލްސީން ހަ ވަނަ ފަހަރަށް ލީގު ތަށި ހޯދައިފިއެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި ވެސްޓް ބްރޮމްގެ މައްޗަށް ޗެލްސީން ކުރިހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމަށްފަހު ޗެލްސީން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
އެ މޮޅާއެކު ޗެލްސީ ވަނީ ކުޅުނު 36 މެޗުން 87 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ކުރިއަށްއޮތް ތިން މެޗުން މޮޅުވެ، ޗެލްސީ ކުޅެން ޖެހޭ ދެ މެޗުން ބަލިވިޔަސް ޓޮޓެންހަމްއަށް ލިބޭނީ 86 ޕޮއިންޓެވެ. ޓޮޓެންހަމްއަށް ކުޅުނު 35 މެޗުން 77 ޕޮއިންޓް ހޯދައިފައެވެ. މިރޭގެ މެޗުން ބަލިވި ވެސްޓް ބްރޮމް އޮތީ ކުޅުނު 36 މެޗުން ލިބުނު 45 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގައެވެ.
މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ސެސް ފެބްރިގާސްއަށް ތިން ފުރުސަތެއް ލިބިގެންދިޔައިރު، ޕެޑްރޯ އަދި ޑިއޭގޯ ކޮސްޓާއަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމަށްފަހު ޗެލްސީގެ ކުޅުންތެރިންނާއެކު އެކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އުފާފާޅުކުރަނީ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފު ވެސް ޗެލްސީން ފެށީ ނުރައްކާތެރި ހަމަލާތަކަކާއެކުއެވެ. އެގޮތުން ފެބްރިގާސް ދިން ބޯޅައަކުން ވިކްޓަ މޮސެސް ފޮނުވާލި ހަމަލާ ކީޕަރު ބެން ފޮސްޓާ މަތަކުރިއިރު، ކޮސްޓާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް އެންމެ ރަނގަޅުގޮތުގައި ބޭނުން ހިފިފައެއް ނުވެއެވެ.
ގިނަ ހަމަލާތަކަކަށްފަހު ޗެލްސީން މެޗުގައި ޖެހި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށެވެ. ސެސާ އަޒްޕްލިކުއެޓާ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބެލްޖިއަމް ފޯވަޑް މިޝީ ބަޓްޝުއާއީއެވެ. އޭނާއަށް ވެސްޓް ބްރޮމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކޮށް، ޗެލްސީން ވަނީ ލީގު ކާމިޔާބުކޮށްފައި --- ފޮޓޯ/ އޭޕީ
މިއީ ޗެލްސީން އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރު ކަމުގައިވީ ނަމަވެސް، މިއީ އެކްލަބުން ޕްރިމިއާ ލީގު ހޯދި ފަސްވަނަ ފަހަރެވެ. އެންމެ ފުރަތަމަ 55-1954ގެ ސީޒަނުގައި ޗެލްސީން ލީގު ހޯދިއިރު، އޭރު އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ލީގު ކުރިއަށްދިޔައީ "އިންގްލިޝް ފުޓްބޯލް ލީގު"ގެ ނަމުންނެވެ. ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގެ ފަސް ތަށި ވެސް ކާމިޔާބުކުރީ 05-2004ގެ ސީޒަނަށްފަހުއެވެ.