މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ށ. ކޮމަންޑޫ ކައުންސިލަށް ކުރިމަތިލި ދެ ކެންޑިޑޭޓަކު އެއްވަރުވެ ދެވަނަ ބުރަކަށްދާންޖެހިއްޖެ އެވެ.

ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރަކަށް ދާންޖެހުނީ އެ ކައުންސިލަށް އިންތިޚާބު ކުރަން ޖެހޭ ތިން ވަނަ ކައުންސިލަރު އިންތިޚާބުކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޝުޖުއާން އާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުފީދެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޝުޖުއާން އަށް 568 ވޯޓު ލިބުނު އިރު، މުފީދަށް ލިބުނީ 556 ވޯޓެވެ.

ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު އެމްޑީޕީގެ އަނެއް ދެ ކެންޑިޑޭޓުން ކަމުގައިވާ އަހުމަދު ރިފްއަތު އާއި މުހައްމަދު އާރިފް އަހުމަދަށް ލިބުނީ 518 ވޯޓެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ ތެރެއިން ކައުންސިލަރުކަމަށް ހޮވަން ޖެހޭ ބޭފުޅަކު ކަނޑައެޅުމަށް ޓަކައި ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފަ އެވެ.

ކޮމަންޑޫ ކައުންސިލަށް ވާދަކުރި ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމުގައިވާ އިސްމާއީލް ޝަހީމް އާއި އިބްރާހީމް އަބްދުﷲ ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފަ އެވެ. ޝަހީމަށް 500 ވޯޓު ލިބުނު އިރު، އިބްރާހީމަށް ލިބުނީ 485 ވޯޓެވެ.