13 May 2017, 09:26
މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯ އިން ގެނައި ފިޔާ، އަލުވި އަދި ބިހުގެ ސްޓޮކްތައް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިތަކެތި ހޯލްސޭލްކޮށް ވިއްކަމުން ދާނީ އެސްޓީއޯ ސުޕަމާޓުގެ ހޯލްސޭލް ސެންޓަރުންނެވެ.
އަދި މެއި 20 ވާ ހޮނިހިރު ދުވަހުން ފެށިގެން ފިޔާ، އަލުވި އަދި ބިހުގެ ހޯލްސޭލް ވިޔަފާރި ކުރިޔަށް ދާނީ ބޮޑުތަކުރުފާނުމަގުގައި ހުންނަ އެސްޓީއޯގެ ދެ ނަމްބަރު ކޮށިން، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އަދި ރަމަޟާން މަހު އެ ކޮށިން ހޯލްސޭލްކޮށް ތަކެތި ދޫކުރާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، އަދި މެންދުރު ފަހު 1:00 އިން 3:00 އަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން މިދިޔަ ހަފްތާގައި ވިދާޅުވި ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓަށާއި، ދެކުނުން އައްޑޫ ސިޓީއަށް ވެސް ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓް ލިބޭނެ އެވެ. އަދި އެސަރަހައްދުގެ އަތޮޅުތަކަށް އެތަންތަނުން ތަކެތި ފޯރުކޮށްދޭނެ ކަމަށް އާޝާން ވިދާޅުވި އެވެ.
އާޝާން ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް މިއަހަރު ވިއްކުމުގެ ކަންކަން ރާވާފައި ވަނީ އަމިއްލަ ފިހާރަތަކާ ގުޅިގެން ޕާޓްނަޝިޕްގެ އުސޫލުން ކަމަށާއި، އެސްޓީއޯއާ އެކު އެއްބަސްވެފައި ހުރި ތަންތަނުން އެތަކެތި އެއް އަގެއްގައި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.